ވަގުތަށް ކަމޭހިތާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކޮށް، ކިޔެވުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ޕީއެސްއެމްއިން ގެނެސްދޭ ނޭޝަން ޗެޓްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޯލެވެލް އިމްތިޙާނު ހަދަމުންދާ ދަރިވަރުންނާއި އޭލެވެލް އިމްތިޙާން ހެދުމަށް ތައްޔާރުވާ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރުދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދަރިވަރުން ވަގުތަށް ކަމޭހިތާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ކުޅިވަރާއި ސަކަރާތުގެ ތެރޭގައިވެސް ކިޔެވުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
"ކުޅިވަރުވެސް ކުޅެންޖެހޭނެ މަޖާވެސް ކުރަންޖެހޭނެ. އެކަމަކު ކިޔަވާ ކުދިންނަށް ވީތީ ކިޔެވުމަށް ސަމާލުކަންދޭންވާނެ. މައިން ބަފައިންގެ ބަސް އަހަންޖެހޭނެ. ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާށޭ. ނަމާދު ކުރަންޖެހޭނެ ބަރާބަރަށް. އޭރުން ރަނގަޅުވާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސްކޫލްގެ ދުވަސްވަރާއި ކިޔެވުމަށް އަލިއަޅުވާލައްވާ ރައީސް ވަނީ އެންމެ ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާފައެވެ. އޭރާއި މިހާރު ކިޔެވުން ތަފާތުކަން ފާހަގަކޮށް ރައީސް ވިދާޅުވީ ސްކޫލްގައި ކިޔަވައިދޭ މާއްދާތަކުގެ އިތުރުން އިތުރު މާއްދާތަކެއް އިމްތިޙާނުގައި ހެދިކަމަށެވެ. އެމަނިކުފާނު އޯލެވެލް އިމްތިޙާނުގައި 13 މާއްދާ ހެދިކަމަށާއި އޯލެވެލް އިމްތިޙާނުން 1 ވަނަ ލިބިވަޑައިގެންނެވިކަމަށެވެ. އަދި ގްރޭޑް 1އިން ފެށިގެން އަބަދުވެސް "އޭ" ރިޕޯޓް ހޯއްދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ އޯލެވެލް އިމްތިޙާނު މިހާރު ފެށިގެން ކުރިއަށްދާއިރު މި އިމްތިޙާން ނޮވެމްބަރު 12ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެއެވެ.
މިއަހަރުގެ އިމްތިޙާނު މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި އަތޮޅުތަކުގެ 242 ސެންޓަރުގައި 2869 ހެދުމަށް ހަމަޖެހިފައިވެއެވެ.