ޚަބަރު

އޭޓީއެމް ފެއާ ފަށައިފި، މިއަހަރު ރާއްޖޭގެ 74 ކުންފުންޏެއްގެ 165 މަންދޫބުން


  • ފެއާ ކުރިއަށްދާނީ މިމަހު 17ގެ ނިޔަލަށް

  • ރާއްޖެ ތަމްސީލުކުރުމަށް 517 އަކަފޫޓުގެ ބޮޑު ސްޓޭންޑެއް ތައްޔާރުކޮށްފައިވޭ

މެދުއިރުމަތީގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އަރަބިއަން ޓްރެވަލް މާކެޓް، އޭޓީއެމް ފެއއާގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ފަށައިފިއެވެ. ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ކުރިއަށްގެންދާ މި ފެއާ މިމަހުގެ 17ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެއެވެ.

މިއަހަރުގެ އޭޓީއެމް ފެއާގައި ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު 74 ކުންފުންޏެއްގެ 165 މަންދޫބުން ވަނީ ބައިވެރިވެފައެވެ.

އޭޓީއެމް ފެއާގައި ރާއްޖެ ތަމްސީލުކުރުމަށް 517 އަކަފޫޓުގެ ބޮޑު ސްޓޭންޑެއް ތައްޔާރުކޮށްފައިވެއެވެ. ހަތަރު ފަރާތުން ވަދެވޭގޮތަށް ފަރުމާކޮށްފައިވާ މި ޑަބަލް ޑެކް ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ކަނޑުއަޑީގެ ރީތި ފަރުތަކާއި، ދިރުންތަކުގެ ރީތިކަން ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެފަދަ ގޮތަކަށެވެ.

އަދި ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިން އާންމުކޮށް ކައިއުޅޭ ލުއި ކާނާ ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ފެއަރގެ ތެރެއިން ލިބިގެންދާނެއެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ މި ފެއާގެ ތެރެއިންވެސް ތަފާތު ގިނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން، 4 ދުވަހަށް ކުރިއަށްގެންދާ މި ފެއާގެ ތެރެއިން ގިނަ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މުހިންމު ކަންތައްތަކެއް އިޝްތިހާރުކުރުމަށް ހަމަޖެހިފައިވާކަމަށް ވީއެމްސީން މަޢުލޫމާތުދެއްވައެވެ.

މި ފެއާގެ ތެރެއިން ޤަތަރު އެއަރވޭސްއާއި، އެމިރޭޓްސްގެ އިތުރުން މެދުއިރުމަތީގެ އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރ ޑިނާޓާއާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސް އިން ވިދާޅުވެއެވެ.

މިއަހަރުގެ އޭޓީއެމް ފެއާގެ ތެރެއިންވެސް ރާއްޖެއިން ބީ2ބީ ބައްދަލުވުންތައް ބޭއްވުމަށްވެސް ޚާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑުގެ 2 ފަންގިފިލާގައިވެސް ބީޓުބީ މީޓިންތައް ބޭއްވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މި މީޓިންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފައިދާހުރިގޮތެއްގައި ކުރިއެރުވުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަމަށް ވީއެމްސީން ޤަބޫލުކުރައްވައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި މެދުއިރުމަތީ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެކެވެ. އެހެންކަމުން ވިޒިޓް މޯލްޑިވްސް އަންނަނީ މެދުއިރުމަތީ މާކެޓަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.