ސިއްހަތު

މަދީރީގެ ޒަރީއާއިންޖެހޭ ބަލިތައް ކޮންޓްރޯލްކުރަން ކުރާ މަސައްކަތް


މަދީރީގެ ޒަރީއާއިން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރެއްވުމަށްޓަކައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މަސައްކަތްތަކެއް ކުރައްވަން ރާއްވަވާފައިވާ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ މަދިރި ނައްތާލުމުގެ ޤައުމީ ކެމްޕޭނެއްވެސް ފައްޓަވާފައެވެ. މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް ކެމިކަލް ފޯރުކޮށްދެއްވުމަށް ހަމަޖައްސަވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރެއިން، ރާއްޖޭގައި ޢާންމުކޮށް އެންމެ ގިނައިން ޖެހެނީ ޑެންގީ ހުމެވެ. ޑެންގީ ހުން ޖެހިގެންް މި އަހަރުގެ މިހާތަނަށް އެއްހާހަށްވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރެއްވުމަށްޓަކައި ހެލްތް މިނިސްޓްރީން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެކަމާ ގުޅޭ މަސައްކަތްތަައްް ޤައުމީ ފެންވަރެއްގައި ކުރެއްވުމުގެ ގޮތުން މަދިރި ނައްތާލުމުގެ ޤައުމީ ކެމްޕޭނެއްވެސް ވަނީ ފަށްޓަވާފައެވެ. މި ކެމްޕޭން ރަސްމީކޮށް ފަށްޓަވާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ލ.ގަމުގައެވެ.

މަދިރި ނައްތާލުމުގެ ޤައުމީ ކެމްޕޭން އިފްތިތާޙު ކޮށްދެއްވުމަށް ލ.ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މި ކެމްޕޭންގެ ދަށުން މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކާމެދު ސްކޫލް ކުދިން ޙޭލުންތެރި ކުރުވުމަށް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން، މަދިރި ނައްތާލުމުގެ މުހިންމުކަން އަންގައިދީ، މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް މަދުކުރުމާ ގުޅޭ ގޮތުން ސްކޫލް ކުދިން ޙޭލުންތެރި ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަަދިރި ނައްތާލުމުގެ ޤައުމީ ކެމްޕޭނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް ކެމިކަލް ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަތޮޅުތަކަށް ފޯރުކޮށްދޭން ފަށާ ކެމިކަލް ޓެމިފޯސް މުޅި ރާއްޖެއަށް ފޯރުކޮށްދޭނަން. އެފަދަ ކެމިކަލް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ސިއްޙީ ނިޒާމުގެ ތެރެއިން އާންމުނާ ހަމަޔަށް ފޯރުކޮށްދޭނަން. ސްކޫލް ކުދިން ހޭލުންތެރި ކުރުވުމަށް ގިނަ ކަންތައްތަކެއް ކުރައްވަން ރާއްވާފައިވާ ވަނީ" މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި 3،500 ވައްތަރުގެ މަދިރި އުޅޭއިރު، ރާއްޖެއިން އާންމުކޮށް ފެންނަަނީ 3 ވައްތަރެއްގެ މަދިރިއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރީ އީޑިސް މަދިރިއެވެ. މަދިރީގެ ޒަރީއާއިން މެލޭރިއާ ފައިލޭރިއާ ޑެންގީ، ޔެލޯ ފީވަރ، ޗިކުންގުންޔާފަދަ ބަލިތައް ފެތުރެއެވެ.

ރާއްޖޭގައިވެސް އަހަރުގެ އެކި ދުވަސްވަރު ޑެންގީއާއި ޗިކުންގުންޔާ ފަދަ ބަލިތައް ފެތުރެއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ - ޑަބްލިޔުއެޗްއޯއިން ވަނީ ދިވެހިރާއްޖެއަކީ ފައިލޭރިއާ ފްރީ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.