ޚަބަރު

ރާއްޖެއަށް މިއަދުވެސް މޫސުން ގޯސް، ސަމާލުވޭ!


  • ށ. އަތޮޅުން އައްޑުސިޓީއަށް ހުދު ސަމާލު

  • ސަމާލު ނެރެފައިވަނީ 11:30އިން 16:30އަށް

  • ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޤައުމީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ އެލާޓްތައް ނެރެމުންނެވެ.

އެގޮތުން މިވަގުތުވެސް ށ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށްވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ، މިއަދު 11:30 އިން ފެށިގެން 16:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު ރެކޯޑުކުރަމުންނެވެ. އެ އިދާރާއިން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ.ގަމަށެވެ. އެއީ 183 މިލިމީޓަރުގެ ވާރޭއެވެ.

2ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް އެ އިދާރާގެ ރެކޯޑްތަކުން ދައްކަނީ ގދ. ތިނަދުއަށެވެ. އެއީ 87.6 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 86.4 މިލިމީޓަރުގެ ވާރޭއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތަށް ގަދަވާނެކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. ރާޅު އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 3 ފޫޓާ 7 ފޫޓާ ދެމެދުގައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.