ޚަބަރު

އަންނަ އަހަރު ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބަދަލު ގެންނަނީ


  • ތަޢުލީމީ މަރުހަލާގައި ދަރިވަރުން ހާސިލްކުރާ މިންވަރު އިތުރުކުރަން ދަނީ މަސައްކަތްކުރަމުން

  • މާލޭ ވޮކޭޝަނަލް ހައިސް ސްކޫލާއެކު ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ފަރަޤު ކުޑަކުރެވޭނެ

ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެވެ. ތަޢުލީމީ ވަޒީރު ވަނީ މި ބަދަލު އަންނަ އިރު މިކަމުގައި ޓީޗަރުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު ކުރިއަށްދާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ، މިފަދަ މަހާސިންތާއެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ޓީޗަރުންނަށް އިންވެސްޓް ކުރުމަކީ ޤައުމުގެ މުސްތަޤުބަލަށްވެސް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި މިޒަމާނުގައި ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް އޭއައި އެކި ކަންކަމުގައި ބޭނުން ކުރާ މިންވަރު އިތުރުވަމުންދާއިރު، މިއީ މި ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޓީޗަރުން މިކަންކަމަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ. އެހެން ކަމުން މި ކޮންފަރެންސްގެ މަޤްޞަދަކީ ޓީޗަރުން ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތަކާއި ގުޅުވާލުން ކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ. މިއާއެކު މި ފުރުސަތުގެ ބޭނުން ޓީޗަރުން ހިފުމަށް ވަޒީރު ގޮވާލެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މިދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު ދައިރާގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރުވެސް ދަރިވަރުން ތަޢުލީމީ މަރުހަލާގައި ހާސިލްކުރާ މިންވަރު އިތުރުކުރުމަށް މުހިންމު ބަދަލުތަކެއް ކޮންޓެންޓަށް ގެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިމަސައްކަތުގެ ދަށުން ކީ ސްޓޭޖް 1 ފޮތްތަކަށް އަންނަ އަހަރު ބަދަލު ގެނައުމަށް ނިންމާފައިވާކަން ތަޢުލީމީ ވަޒީރު ހާމަކުރެއްވިއެވެ.

"ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް މިދަނީ ގެންދަމުން. މިއަންނަ އަހަރު ކީ ސްޓޭޖް ގްރޭޑް 1 ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ. އަޅުގަނޑު މުދައްރިއްސުންނަށް ދަންނަވާލަން ބޭނުންވަނީ، ފޮތްތައް ބަދަލުކުރެވުނަސް ހަޤީޤީ ބަދަލެއް އަންނާނީ ތިޔަ ބޭފުޅުންގެ މަސައްކަތުންނޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިސްމާޢިލް ޝަފީޢު ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާނަވީ ތަޢުލީމު ހާސިލް ކުރާ ދަރިވަރުންނާއި މަތީސާނަވީއަށް ދާ ދަރިވަރުންގެ މެދުގައި އޮތް ފަރަޤު ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން މީގެ ކުރިން ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށް ފަހު މަތީ ސާނަވީ ތަޢުލީމަށް ދާ ދަރިވަރުންގެ އަދަދު، ކުރީގައި ހުރި 40 އިންސައްތައިން މިހާރު 50 އިންސައްތައަށް އިތުރު ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލޭ ވޮކޭޝަނަލް ހައިސް ސްކޫލާއެކު މިއަދަދު 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޓީޗަރުން މުޖްތަމަޢުގެ ތެރޭގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ގޮވާލައްވަމުންނެވެ. ވަޒީރު ވިދާޅުވީ، ޓީޗަރުންނަކީ މުޖްތަމަޢުގެ ތެރޭގައި ބާރާޢި އިޚްތިޔާރު އޮންނަ ބައެއްކަން ޤަބޫލުކުރަން ޖެހޭކަން ފާހަގަކުރަމުންނެވެ. އަދި އެ ބާރާއި އިޚްތިޔާރު ހަނިކުރެވިއްޖެ ނަމަ ދަރިވަރުންގެ ތަޢުލީމީ ހަޔާތުން މުހިންމު ބައެއް ގެއްލިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި މުޖްތަމަޢުގެ އެހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.