ޚަބަރު

ސަރަހައްދީ ހަމަޖެހުމަށް ސަޢޫދީއާއި ތުރުކީވިލާތުން މަޝްވަރާކޮށްފި


ސަރަޙައްދީ ހަމަނުޖެހުމާއި ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން، އެ ކަންކަން ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އަދި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން އަލް-ސުޢޫދު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރެއްވީ، ރިޔާޟާއި މަދީނާ ސަރަޙައްދުގައިވާ 'އީސްޓް-ވެސްޓް' ހޮޅިލައިނަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިތައް ބަންދުކޮށްފައި ވަނިކޮށެވެ. މިއީ، ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ރަތް ކަނޑުގެ އައްސޭރީގައިވާ ޔަންބޫޢުގެ ބަނދަރަށް ތެޔޮ ބޭރުކުރުމަށް ޓަކައި ސަޢޫދީގެ އިރުމަތީ ސަރަޙައްދުން ސާފުނުކުރާ ތެޔޮ އުފުލައިދޭ މުހިންމު ހޮޅިލައިނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޑްރޯންތަކެއް ބޭނުންކޮށްގެން މި ތެޔޮ ހޮޅިލައިނަށް ހަމަލާ ދީފައި ވަނީ ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތަކުން ކަމުގައެވެ. އަދި، ހަމަލާތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވެ، ހޮޅިލައިނަށް ގެއްލުންވި ކަމުގައެވެ. މީގެކުރިން، ހަކަތައާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، ހޮޅިލައިން ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމުގައެވެ. އަދި، ހަމަލާތަކުގައި ޒަޚަމުވި މީހުންނަށް ފަރުވާދީފައިވާ ކަމުގައި އެ ވުޒާރާއިން ބުނި ނަމަވެސް އެ މީހުންގެ ޙާލަތާ ގުޅޭ ތަފުސީލެއް އެ ވުޒާރާއިން ހާމައެއް ނުކުރެއެވެ. މި ހަމަލާގެ ސަބަބުން ޕަންޕު ސްޓޭޝަންތަކުގައި އަލިފާން ރޯވި ކަމުގައި އެމެރިކާގެ ދެ އޮފިޝަލަކާ ޙަވާލާދީ އެމެރިކާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ޢިރާޤުގެ ބޮޑުވަޒީރު އެދިވަޑައިގަތުމުގެ މަތިން، މި ވަގުތު ބަދަލުހިފުމުގެ ފިޔަވަޅެއް ނޭޅުމަށް ސަޢޫދީ ޢަރަބިއްޔާއިން ނިންމާފައިވާ ކަމުގައި ވެސް ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އަދި، ސަޢޫދީ ޢަބިއްޔާއާއީ އަވައްޓެރި ޤައުމުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ހުއްޓުވަން ޢިރާޤުން ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމުގައި ވެސް އެ ވުޒާރާއިން ހާމަކުރިއެވެ. ނަމަވެސް، ޤައުމުގެ އިސްތިޤުލާލާއި، ސަލާމަތާއި، ވަސީލަތްތައް އަދި ރައްޔިތުން ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ޙައްޤު ސަޢޫދީ ޢަރަބިއްޔާއަށް ލިބިގެންވާ ކަމުގައި އެ ވުޒާރާއިން ބުންޏެވެ. ބަދަލުހިފުން މަޑުޖައްސާލުމަށް ސަޢޫދީ ޢަރަބިއްޔާއިން ނިންމި ނިންމުމަށް ޢިރާޤުގެ ސަރުކާރުން މަރުޙަބާ ކިޔާފައިވާއިރު، ސަޢޫދީ ޢަރަބިއްޔާގެ ސަލާމަތަށް ނުރައްކާވާ ކޮންމެ ހަމަލާއެއް ކުށްވެރިކޮށް، މި ކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ތަޙުޤީޤުކުރަން އެ ޤައުމުގެ ބޮޑުވަޒީރު އަމުރުކުރައްވާފައިވާ ކަމުގައި ޢިރާޤުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.