ޚަބަރު

މިއީ މެކްސިކޯ ގަދަ 16 އަށްވުރެ ދުރަށް ގެންދަން ލިބުނު ފުރުސަތެއް: މާކޭޒް


  • މާކޭޒް ވަނީ 5 ވޯލްޑްކަޕް ކުޅެފަ

މެކްސިކޯގެ ކޯޗުކަމަކީ އެޓީމާއެކު ވޯލްޑްކަޕްގެ ގަދަ 16 އަށްވުރެ ދިއުމަށް ލިބުނު އިތުރު ފުރުޞަތެއް ކަމަށް އާ ކޯޗު ރަފައެލް މާކޭޒް ބުނެފިއެވެ. އޭނާ މިހެންބުނީ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް ތަޢާރަފްކުރަން ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ފަސް ވޯލްޑްކަޕްގައި ކުޅުމުގެ ފުރުޞަތު ލިބުނަސް ގަދަ 16 އަށް ވުރެ ދުރަށް ނުދެވުނު ކަމަށެވެ. ކޯޗިން ޓީމުގައި ހިމެނިވެސް އެންމެ ފަހުން ވޯލްޑްކަޕްގައި މެކްސިކޯއަށް ދަތުރުކުރެވުނީ ގަދަ 32 ޓީމުގެ ތެރެއަށެވެ. އެހެންކަމުން މާކޭޒް ދެކެނީ ކޯޗެއްގެ ގޮތުގައި ލިބުނު ފުރުޞަތަކީ މެކްސިކޯ ގަދަ 16 އަށްވުރެ ދުރަށް ގެންދަން އޭނާއަށް ލިބުނު ފުރުޞަތެއްގެ ގޮތުގައެވެ. މެކްސިކޯގައި ބޭއްވި ފުރަތަމަ ދެ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް އެގައުމު ދަތުރުކުރިއެވެ. އެހެންނަމަވެސް އެއީ 1970 ވަނަ އަހަރާއި 1986 ވަނަ އަހަރުއެވެ.

މާކޭޒް ވަނީ މެކްސިކޯއާ އެކު 5 ވޯލްޑްކަޕްގައި ކުޅެފައެވެ. އެއީ 2002 ން 2018 އަށެވެ. އެކަމަކު ގަދަ 16 ފަހަނައަޅާ ދެވޭގޮތެއް ނުވެއެވެ.

"
ކުޅުންތެރިއެއްގެ ގޮތުގައި ފަސް ވޯލްޑްކަޕްގައިވެސް އެކަމެއް ނުވި. އަބަދުވެސް އަހަރެމެންނަށް ދަތުރުކުރެވެނީ އެއް ހިސާބަކަށް.
މާކޭޒް

މާކޭޒް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ ވޯލްޑް ކަޕަށްފަހު ހަވިއޭ އަގީރޭ އިސްތިއުފާ ދިނުމުންނެވެ. މާކޭޒް ބުނީ ވޯލްޑްކަޕްގައި އަގީރޭގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބުނު ފުރުޞަތަކީ އޭނާއަށް އިތުބާރު ލިބުނު ފުރުޞަތެއް ކަމަށެވެ. މެކްސިކޯ ކުޅުންތެރިންނާއި, ގައުމީ ޓީމުގައި އޮތް މާހައުލު އޭނާއަށް ރަނގަޅަށް އިނގޭކަމަށް މޭކޭޒް ބުންޏެވެ.
މާކޭޒް ބުނީ އޭނާ ބޭނުންވަނީ މެކްސިކޯ ރައްޔިތުން ގައުމީ ޓީމާމެދު ފަޚުރުވެރިވާން ކަމަށާއި, ކުޅުންތެރިން ގައުމަށް ހުރިހާ ހިތްވަރެއް ދިނުމުން ސަޕޯޓަރުން އުފަލުން ތިބެން ކަމަށެވެވެ. އަދި މެކްސިކޯ ގައުމީ ޓީމު އަބަދުވެސް ރަނގަޅަށް ވާދަކުރަން ބޭނުންވާކަން އޭނާ ފާހަގަކުރިއެވެ.
މާކޭޒްގެ ކްލަބް ކާމިޔާބީތައް ގުޅިފައިވަނީ ބާސެލޯނާއާއެވެ. ބާސާއާއެކު ޗެމްޕިއަންސް ލީގު ދެފަހަރު އަދި ލަލީގާ 4 ފަހަރު ހޯދިއެވެ. މީގެއިތުރުން މޮނާކޯއަށްވެސް ކުޅުނެވެ.
މާކޭޒްގެ އިރުޝާދުގެ ދަށުން މެކްސިކޯ ފުރަތަމަ ނިކުންނާނީ މިމަހު 26 ގައި ކޮލަމްބިޔާއާ ދެކޮޅަށެވެ. އޭގެފަހުން ހަތަރު މެޗު ކުޅެން ޕެރޫ އަށް ދަތުރުކުރާނެއެވެ.