ޚަބަރު

ދަންވަރާ ހަމައަށް ގއ.އިން އައްޑޫސިޓީއަށް ހުދު ސަމާލު


  • ސަމާލު ނެރެފައިވަނީ މިރޭ 22:00އިން ދަންވަރު 03:00އަށް

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، ގއ.އިން އައްޑޫސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، މިރޭ 22:00 އިން ދަންވަރު 03:00 އަށެވެ.

މީގެއިތުރުން ކ.އަތޮޅުން ފެށިގެން ފ.އަތޮޅަށްވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. މިސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ، މިރޭ 23:00 އިން ފެށިގެން ފަތިހު 5:00 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ދެކުނުން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަމުގެ ރިޕޯޓް ދަނީ ކުރަމުންނެވެ. އެގޮތުން ވިއްސާރައިގައި އައްޑޫސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގެއްލުން ލިބިފައިވެއެވެ. އަދި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.