ޤަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. ދަތުރުތައް އިތުރުކުރަން ނިންމާފައިވަނީ، އަންނަ މަހުގެ 25ވަނަ ދުވަހުން ފެށިގެން ކަމަށް އެ އެއާވޭސްއިން ބުނެއެވެ.
ޤަތަރު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއާލައިންގެ ގްލޯބަލް ކަނެކްޓިވިޓީ އިތުރުކުރުމަަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފިނި މޫސުމުގައި ރާއްޖެ ހިމެނޭހެން 170 ޤައުމަކަށް ދަތުރުތައް ކުރުމަށް ނިންމާފައިވާއިރު، ބައެއް ޤައުމުތަކަށް މިހާރު ކުރަމުންދާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.
ޤަތަރު އެއާވޭސްއިން ބުނީ، އަންނަ އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ހަފުތާއަކު ކުރާ ދަތުރުތަކުގެ އަދަދު 12އިން 21އަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޤަޠަރު އެއާވޭސްއަކީ، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއް އެއާލައިނެވެ. ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމާއެކު، މެދުއިރުމައްޗާއި ޔޫރަޕު އަދި އެމެރިކާ ފަދަ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، ރާއްޖެއިން އިންޑަސްޓްރިއާއެކު ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އޭގެ ކާމިޔާބީ އަހަރުގެ ފަހު ކުއާޓަރުގައި ބޮޑުތަނުން ރަނގަޅުވާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. މިހާރުވެސް މި ސީޒަންގައި އިތުރު 7 އެއާލައިނެއްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.