ވިޒިޓް މޯލްޑިވްސް އަދި އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓުން ޙަލާލް ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު، އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓުގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީއާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ، ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ޕޯޓްފޯލިއޯގެ ތެރޭގައި ޙަލާލު ފަތުރުވެރިކަމަކީ ވަކި ޚާއްޞަ ދާއިރާއެއްގެ ގޮތުގައި ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ޙަލާލު ފަތުރުވެރިކަމުގެ ތަޖުރިބާތައް އަދި އުފެއްދުންތައް ތަރައްޤީކުރުމާ ގުޅޭގޮތުންނެވެ.
މި ދާއިރާއިން ލިބެންހުރި ފުރުޞަތުތައް ދެނެގަތުމުގެ އިބުތިދާއީ މަސައްކަތްތައް ވީއެމްސީން މިހާރު ވަނީ ފަށާފައެވެ. މީގެ ތެރޭގައި ޙަލާލު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަތުރުވެރިކަމުގެ ތަޖުރިބާތައް ތަރައްޤީ ކުރުމަށް ޝައުޤުވެރިވާ ރިޒޯޓުތަކާއި ހޮޓާތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން ވާދަވެރި ޙަލާލު ފަތުރުވެރިކަމުގެ ޚިދުމަތްތަކެއް ތަޢާރަފުކުރުމަށް އެހީތެރިވެދޭނެ ކަމާގުޅޭ ސެޓްފިކޭޝަން މަރުޙަލާތަކާއި، ޚާއްޞަ ޚިދުމަތްތަކުގެ މިންގަނޑުތަކާއި، ވަސީލަތްތައް ދެނެގަތުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
"ރާއްޖެއަކީ ފެންވަރު ރަނގަޅު ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޤައުމެއް. އަދި މި މަޤާމުގެ ބޭނުން ހިފައިގެން، ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ ބައިނަލްއަޤްވާމީ މާކެޓަށް ޚާއްޞަކޮށްގެން ފެންވަރު ރަނގަޅު ޙަލާލު ފަތުރުވެރިކަމުގެ ތަޖުރިބާތަކެއް ތަރައްޤީ ކުރުމުގެ ބޮޑު ފުރުޞަތެއް އެބައޮތް ކަމަށް އަޅުގަނޑުމެން ދެކެން. އަމާޒަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފެންވަރާއި ޤަދަރު ދައްކުވައިދޭނެ މިންގަނޑުތަކަކަށް މި ދާއިރާ ތަރައްޤީ ކުރުމަށްޓަކައި މި ދާއިރާގެ ޙިއްޞާދާރުންނާ ގުޅިގެން މަސައްކަތް ކުރުން." ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޝައިޚް ޚަލާވީ ވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި ޙަލާލު ފަތުރުވެރިކަމަށް ޚާއްޞަ ބޮޑެތި ޙަރަކާތްތައް އިންތިޒާމުކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަމާއި، ދާއިރާގެ އެއްބާރުލުމާއި، ތަޖުރިބާ ބަދަލުކުރުމުގެ ތެރެއިން ރާއްޖޭގައި މި ދާއިރާ ތަރައްޤީ ކުރުމަށް އެހީތެރިވެވިދާނެ ގޮތްތަކާއި، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް މަތީ ފެންވަރުގެ ޙަލާލު ފަތުރުވެރިކަމުގެ ޙަރަކާތްތައް ތަޢާރަފުކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، މުސްލިމު ފަތުރުވެރިންނަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ މަތީ ފެންވަރުގެ ދަތުރުފަތުރުގެ ތަޖުރިބާތަކަށް އޮތް ޑިމާންޑު އިތުރުވަމުންދާތީ، ޙަލާލު ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކޮށްފައިވެއެވެ. މި ދާއިރާ ތަރައްޤީ ކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕޯޓްފޯލިއޯ އިތުރަށް ސިންދަފާތު ވެގެންދާނެ ކަމެކެވެ. އަދި މިއީ ކަމާގުޅޭ ބައިނަލްއަޤްވާމީ މާކެޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމާއި ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ވަރުގަދަކޮށްދޭނެ ކަމެކެވެ.
ވީއެމްސީން ވިދާޅުވީ، ޙަލާލު މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްތަކާއި ތަޖުރިބާތައް ތަރައްޤީކުރުމަށް އެންމެ އެކަށޭނަ ގޮތްތައް ދެނެގަތުމަށާއި، ކަމާގުޅޭ ސެޓްފިކޭޝަން ޝަރުޠުތަކާއި ބައިނަލްއަޤްވާމީ ޚިދުމަތުގެ މިންގަނޑުތައް ދިރާސާ ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ޙިއްޞާދާރުންނާއެކު ކުރިއަށްދާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރޭގައި ޙަލާލު ފަތުރުވެރިކަމަކީ ވަކި ޚާއްޞަ އަދި ވާދަވެރި ދާއިރާއެއްގެ ގޮތުގައި ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އިތުރު ގުޅުންތައް ބަދަހިކުރުމާއި ތަޖުރިބާ ބަދަލުކުރުމުގެ ފުރުޞަތުތައްވެސް އެ ކޯޕަރޭޝަނުން ހޯދަމުން ގެންދާނެ ކަމަށެވެ.