ޚަބަރު

މާލެއިން 426 ބިދޭސީން ބަލައި ފާސްކޮށް، 13 މީހަކު އިމިގްރޭޝަންގެ ދަށަށް


  • މާލޭގެ އެކި ސަރަހައްދުތަކުގައި ބަލާފާސްކޮށްފައިވޭ

  • މިއީ އިމިގްރޭޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް

މާލޭ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަން ޓާސްކް ފޯސްއިން އިއްޔެ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގައިފިއެވެ. މި ރެއިޑް އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް އުޅުނު 13 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގި މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 426 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ބަލައި ފާސްކުރުންތަކުގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 13 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ މާލެއާއި އަތޮޅުތެރޭގެ ތަންތަން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.

މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަޤްސަދުގައެވެ. ސަރުކާރުން ނިންމާފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ފާސްކުރުންތައް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ، ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރެވޭ މަސައްކަތުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ވިދާޅުވެއެވެ.