ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ފުލުހުންގެ ޤާބިލުކަމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޮޑު އިސްކަމެއް ދީގެން މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުން ނިންމާލުމަށްފަހު ދެއްކެވި ވާހަަކަފުޅުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ފުލުހުންގެ ޚިދުމަތް އަސްކަރީ ބާރަކުން މަދަނީ ޚިދުމަތަކަށް ބަދަލުވެގެން ދިޔުމަކީ ވަރަށް މުހިންމު ތާރީޚީ ބަދަލެއް ކަމަށެވެ. ނަމަވެސް، ފާއިތުވި 22 އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާވެގެން ދިޔައިރު، އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ގާއިމުވެފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.
"މި ސަރުކާރުން ފުލުހުންގެ ޚިދުމަތާ ހަވާލުވިއިރު، އަމިއްލަ މަރުކަޒުތައް ހުރެގެން ޚިދުމަތް ދެމުންދިޔައީ އެންމެ 17 ވަރަކަށް ރަށުގައި. ނަމަވެސް މިއަދު އިރާދަކުރައްވައިގެން ބާކީ ހުރި ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ،" ކޮމިޝަނަރ އޮފް ޕޮލިސް، އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
މީގެއިތުރުން، ފުލުހުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޚާއްސަ ދާއިރާތަކުން ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދެމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ފުލުހުން ރެއާއި ދުވާލު ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ސީޕީ އަޙްމަދު މުޙައްމަދު ވިދާޅުވީ، އުއްމީދު ކުރައްވަނީ ކުރިއަށް އޮތް ތަނުގައި ބޭނުންވާ ފުރިހަމަ އުމްރާނީ އަދި އިންސާނީ ވަސީލަތްތަކާއި، ތަމްރީނުތައް ލިބި، ދިވެހި ރައްޔިތުން އެދޭފަދަ ޤާބިލު އަދި އިތުބާރު ހުރި މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަންވެގެން ދިޔުން ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 1 ސެޕްޓެމްބަރު 2004 ގައި، އޭރުގެ ސިފައިންގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކޮށް، މަދަނީ މުއައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތް އުފެއްދުމާ ގުޅިގެންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފުލުހުންގެ ޚިދުމަތް ފަށާފައިވަނީ 29 މާރިޗު 1933 ގައެވެ.