ޚަބަރު

ޤައުމަށް ހެޔޮ ގޮތް އެދުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް!


  • ބިނާކުރަނިވި ފާޑުކިޔުންތައް ބަލައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި

  • ޤައުމުގެ ތަރައްޤީގައި އެކުގައި މަސައްކަތް ކުރުމަށް ދައުވަތު ދެއްވި

  • ޒިންމާދާރުކަމާއެކު ދެކޮޅު ހެދުމާއި ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ދެކޮޅުހެދުން ތަފާތު

ސިޔާސީ ގޮތުން ފާޑުކިޔުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އެއީ މަޤާމުތަކަށް ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ދެވިފައިވާ ޙައްޤެކެވެ. ނަމަވެސް އެ ފާޑުކިޔުންތައް ވާންވާނީ ބިނާކުރަނިވި ފާޑުކިޔުންތަކަށެވެ. ސިޔާސީ ފާޑުކިޔުމުގައި ޒާތީ ވުމަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާ ބީރައްޓެހި ކަމެކެވެ.

ޤައުމުގެ ވެރިން ރައްޔިތުން އިންތިޚާބުކުރަނީ އެ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީ، ތަރައްޤީގެ ރޮނގުގައި ޤައުމަށް ކުރިއެެރުންތައް ހޯދައިދިނުމަށެވެ. ސިޔާސީ ގޮތުން ޚިޔާލުތަފާތުވިނަމަވެސް އެއިރެއްގައި ޤައުމުގެ ހުންގާނު ރައްޔިތުން ހަވާލުކޮށްފައިވާ ބޭފުޅަކު ރައްޔިތުންނާއި ޤައުމުގެ މަންފާއަށް ކުރައްވާ ކަންކަމުގައި އެއްބާރުލުންދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. އެ ބޭފުޅަކު ކުރައްވާ ކަމަކާމެދު ހިތްހަމަ ނުޖެހޭނަމަ ނުވަތަ ޤައުމުގެ ކަންކަން ކުރިއަށްދާގޮތާ މެދު ޚިޔާލުތަފާތުވާނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމެއްގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމާއި ފާޑުކިޔުމެވެ. ކުރާ ކޮންމެ ކަމެއްގައި ދެކޮޅު ހެދުމަކީ ޒިންމާދާރުވުމެއް ނޫނެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެފައިވަނީ އިއްޔެ މިއަދަކު ނޫނެވެ. ޤައުމު އެކި ދާއިރާތަކުން ތަރައްޤީގެ މަގުގައި ފަހަތަށް ޖެހިފައި އޮތީ މިއަދު ނިންމި ނިންމުންތަކަކުންވެސް ނޫނެވެ. ޤައުމުގެ އިޤްތިޞާދު ފުން އަދަވަޅަކަށް ވެއްޓުނީވެސް މިއަދަކު ނޫނެވެ. މިއީ އެތައް އަހަރުތަކެއްގެ އިހުމާލެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ މި ކަންކަން އިސްލާހުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވައިގެން ރައްޔިތުން އެ މަނިކުފާނަށް ކުރެއްވި އިތުބާރާއެކުގައެވެ.

ޤައުމުގެ އިޤްތިޞާދު ރަނގަޅުުކޮށް، ޤައުމަށް އިތުރު ތަރައްޤީ ގެނައުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތުގައި ފާއިތުވެދިޔަ ދެއަހަރާއި ބައިގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއްވެސް ވަނީ ހޯއްދަވާފައެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިއަދު ފެނިގެންދަނީ ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރާ ހުރިހާ ކަމަކާ ދެކޮޅު ހަދަމުންދާ މަންޒަރެވެ. ޒާތީވާ މަންޒަރެވެ. ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެހެން އިސްވެރިންގެ އަބުރު ކަތިލުމުގެ މަންޒަރެވެ.

ޤައުމުގެ ކަންކަން ހައްލުކުރެވޭނީ ކަންކަން ގޯސްކޮށްދާކަމަށް ފާހަގަކުރެވޭނަމަ ބިނާކުރަނިވި ޚިޔާލުފާޅުކޮށް، ސަރުކާރުން ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާ ރަނގަޅު ކަންކަމުގައި އެއްބާރުލުން ދީގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ބޭއްވި ޖަލްސާގައިވެސް އިދިކޮޅު ފަރާތްތަކަށް ދެއްވި ދަޢުވަތަކީ އެމަނިފާނުގެ ސަރުކާރަށް ފާޑުކިޔުމުގައި ޒިންމާދާރު ބައެއްގެ ގޮތުގައި ތިބެ ޤައުމުގެ މުހިންމު ކަންކަމުގައި އެއްބައިވެގެން މަސައްކަތް ކުރުމަށެވެ.

"އަޅުގަނޑު އެދެނީ ރެސްޕޯންސިބަލް އޮޕަޒިޝަނެއްގެ ގޮތުގައި މަސައްކަތް ފެއްޓެވުމަށް ތިބޭފުޅުން ހަމަ ތައްޔާރުވާށޭ. އެއީ އަޅުގަނޑު މަރުޙަބާ ކިޔާ ކަމެކޭ. ސަރުކާރަކަށް ޑިމޮކްރަސީއެއްގެ ބޭނުންވާނެ ރެސްޕޯންސިބަލް އޮޕަޒިޝަނެއް އޮންނަން. ރެސްޕޯންސިބަލް އޮޕަޒިޝަނަކުން ސަރުކާރަކުން ކުރާ ކަންކަމަށް ފާޑު ކިޔާނެ. އަދި އެއަށްވުރެ ރަނގަޅު ސިޔާސަތުތައް ރައްޔިތުންނަށް ގެނެސްދޭނެ. އެހެންނަމަވެސް ޤައުމަށް މުހިންމު ކަންކަމުގައި ޤައުމަށް ބޮޑުވެގެން އަންނަ ކޮންމެ ކަމެއްގައި ރެސްޕޯންސިބަލް އޮޕަޒިޝަނަކުން އެއްގަލަކަށް އަރާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކި މުނާސަބަތުތަކުގައި މި ދައުވަތު އިދިކޮޅު ފަރާތްތަކަށް އަންނަނީ ދެއްވަމުންނެވެ. މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައިވެސް ރައީސް ވަނީ ސިޔާސީ ގޮތުން ތަފާތުކުރުންތައް އެމަނިކުފާނު ނުގެންގުޅުއްވާނެ ކަމާއި ބޭނުންފުޅުވަނީ ޤައުމަށް ކުރިއެރުން ގެނެސްދިނުމަށް ކަމަށް ވިދާޅުވެފައެވެ. އެކަމުގައި ބައިވެރިވުމަށް އެދުވަހުވެސް އެމަނިކުފާނު އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވިއެވެ.

"ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގައި އަތުކުރި އޮޅާލައިގެން ހިނގާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއްމެންނަށް އޭގެން ލިބޭނީ އުފާވެރިކަން. އަޅުގަނޑު ކުރިމަތީގައި ކޮންމެ ރައްޔިތަކު ހަމަހަމަ. ކޮންމެ ޕާޓިއަކަށް ނިސްބަތްވިޔަސް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެއިން ކޮންމެ ބޭފުޅަކަށް އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ގަދަރު." ރައީސް ވިދާޅުވިއެވެ.

ޤައުމަށް ވެރިން ކުރައްވާ ރަނގަޅު ކަންކަމުގައި އެއްބާރުލުން ދިނުމަކީ އެ ވެރިމީހާއަށް ތާއީދުކުރުމެއް ނޫނެވެ. އެއީ ޤައުމުގެ ދަރިއެއްގެ ހައިސިއްޔަތުން ކޮންމެ މީހަކަށްވެސް ލިބެންވާނެ އުފަލެކެވެ. އޭގެ ބަދަލުގައި ޤައުމުގެ މުސްތަޤުބަލަށް އެ ރައީސަކު އަޅުއްވާ ފިޔަވަޅަކީ ކިތަންމެ ރަނގަޅު ފިޔަވަޅެއްނަމަވެސް އެކަމަކަށް ފާޑުކިޔައި ބައިނަލްއަގުވާމީ މުޖުތަމަޢުގައި ޤައުމުގެ އަގު ވައްޓާލަން މަސައްކަތް ކުރުމުން ގެއްލުންވާނީ އެ ވެރިމީހާއަށްވުރެ ބޮޑަށް ޤައުމަށެވެ. އެ މަޤްޞަދުގައި ދައްކާ ސިޔާސީ ވާހަކަތަކަށް ރައްދު ދިނުން ވާނީ ބޭކާރު ކަމަކަށެވެ.

"އަޅުގަނޑު އެކަމާ ނުވެސް ވިސްނަން. އަޅުގަނޑު ވިސްނަނީ އަޅުގަނޑުވީ ވަޢުދުތައް ފުއްދަން. އަޅުގަނޑާއި އެކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކު ދާނީ ކުރިއަށް. މިނިސްޓަރުން، އެމްޕީސް، އާއްމުރައްޔިތުން، ހުރިހާ ފަރާތްތައް. އަޅުގަނޑާއެކީގަ މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކީގައި އަޅުގަނޑު މި ބަލަނީ، އަޅުގަނޑުވީ ވައުދުތައް ފުއްދުމުގައި ކާމިޔާބީ ޙާސިލްކުރަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެކި ސަރުކާރުތަކުން ޤައުމާމެދު އިހުމާލުވެ، ޤައުމު ވައްޓާލާފައިވާ އަނދަވަޅުން އަރައިގަތުމަށް ވަގުތު ނަގާނެއެވެ. ސަރުކާރުން ޤައުމުގެ ކަންކަން ހައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކާއި ޤައުމުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް ހުރަސް އެޅުމުގެ ބަދަލުގައި ސިޔާސީގޮތުން ޚިޔާލުތަފާތުވިނަމަވެސް މަސައްކަތް ކުރަންވާނީ އެކަންކަމުގައި އެއްބާރުލުން ދިނުމަށެވެ. މާދަމާ ސަރުކާރު ބަދަލުވިޔަސް ޤައުމު ދެމި އޮންނާނެއެވެ. މިއަދު ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކުރާ ކަންކަމުގެ އަސަރު ކުރާނީ ޤައުމުގެ މުސްތަޤުބަލަށެވެ.