ތަރައްްޤީ

ސިފަވަރުގައި ބަނދަރެއް ތަރައްޤީކުރަން ސިވެކް އާ ހަވާލުކޮށްފި


ސިފަވަރުގައި ކޯސްޓް ގާރޑްގެ އުޅަނދުތައް އެޅުމަށް ބޭނުންވާ ބަނދަރާކާއި، އެއުޅަނދުތަކަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރެއްވުމަށް ސިފައިންގެ ވެލްފެއަރ ކުންފުނި ސިވެކްއާ ހަވާލުކުރައްވައިފިއެވެ.

ސިފަވަރަކީ ސިފައިންގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދުތައް ބަދަރުކޮށް، އެއުޅަނދުތަކަށް ބޭނުންވާ މެއިންޓެއިނެންސް ޚިދުމަތްތައް ޤާއިމުކުރުމުގެ އިތުރުން ކަނޑުގެ އަސްކަރިއްޔާގެ ތަމްރީނުތައް ކުރިއަށްގެންދެވުމަށް ޚާއްޞަކުރައްވާފައިވާ ރަށެކެވެ. ސިފަވަރުގައި ކޯސްޑް ގާރޑްގެ އުޅަނދުތައް ބަނދަރުކުރުމާއި، ކޯސްޑްގާރޑްގެ އުޅަނދުތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ޤާއިމުކުރުމަށް ސިފައިންގެ ވެލްފެއަރ ކުންފުނި، ސިވެކްއާ ޙަވާލުކޮށް އެކަމާގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. 

މިކަމަށްޓަކައި ކޯސްޓްގާރޑް ބިލްޑިންގްގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ ސިފައިންގެ ކަނޑުގެ އުޅަނދުތަކަށް މެއިންޓެއިން ކުރުމުގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ޤާއިމުކުރެވިފައި ނެތުމުގެ ސަބަބުން ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ޤާއިމުކުރުމަށް ގޮންޖެހުންތަކާ ކުރިމަތި ލާންޖެހޭކަމަށެވެ. އެހެންނަމަވެސް ކޯސްޓްގާރޑް އުޅަނދުތަކަށް ޚާއްޞަކޮށްގެން ސިފަވަރުގައި ތަރައްޤީކުރާ ޚިދުމަތްތައް ޤާއިމުކޮށް ނިމުމާއެކު މި ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ސިފައިންގެ މުއައްސަސާގެ ހިންގެވުމަށް އެހެން ފަރާތްތަކުގެ އެހީތެރިކަން ހޯދަންޖެހޭ މިންވަރު ކުޑަވެ ސިފައިންގެ މުއައްސަސާ އިތުރަށް މުސްތަޤިއްލުވެގެންދާނެ މަޝްރޫޢެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ ކޯސްޑްގާރޑް އުޅަނދުތަކުގެ މެއިންޓެއިނެންސްއަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް މިހާރު ރާއްޖެއިން ބޭރަށް ދާންޖެހޭތީ ބޮޑެތި ޚަރަދުތަކެއް ހިންގާކަމަށެވެ. އަދި ސިފައިންގެ އުޅަނދުތައް ބަނދަރުކުރާނެ ޚިދުމަތް އެކަށީގެންވާ މިންވަރަށް ޤާއިމުކުރެވިފައި ނެތުމުގެ ސަބަބުންވެސް ބޮޑެތި ގެންލުންތަކެއް ވަމުންދާކަމަށެވެ. ސިފަވަރުގައި ތަރައްޤީ ކުރާ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދުތަކުގެ ބަނދަރަކީ މިކަމަށް އޮތް ދެމެހެއްޓެނިވި ހައްލެއްކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ. 

ސިފަވަރުގައި ކޯސްޓް ގާރޑް އުޅަނދުތައް އަޅާނެ ބަނދަރަކާއި، އެއުޅަނދުތަކަށް ބޭނުންވާނެ ޚިދުމަތްތައް ޤާއިމުކުރުމަށް ސިފައިންގެ ވެލްފެއަރ ކުންފުނި، ސިވެކްއާ ޙަވާލުކުރުމުގެ އެގްރީމެންޓްގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރެވެ. ސިވެކް ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ އަޙްމަދު ޒުބައިރެވެ.