ބޭރު ފައިސާގެ މުޢާމަލާތް ކުރުމަށް އެކްސްޕްރެސް މަނީ އެކްސްޗޭންޖަށް ދީފައިވާ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މަނީ ޗޭންޖިން ވިޔަފާރިއާއި ބެހޭ ޤަވާއިދާ ޚިލާފުވުމުން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ، ލައިސަންސް މިދިޔަ ބުރާސްފަތިދުވަހު ބާތިލްކޮށްފައިވާ ކަމަށެވެ. ލައިސަންސް ބާތިލް ކުރީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފުވާކަން ފާހަގަކުރެވުމާއި ގުޅިގެން ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
އެމްއެމްއޭއިން ވަނީ ބޭރުފައިސާ ގަނެވިއްކުމުގައި ހުރިހާ ފަރާތްތަކުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް، އެމްއެމްއޭއިން ވިދާޅުވިއެވެ.
އެމްއެމްއޭގެ މަނީޗޭންޖިން ވިޔަފާރިއާއި ބެހޭ ޤަވާއިދުގައިވާ ގޮތުން، މަނީޗޭންޖިން ވިޔަފާރިތައް މަރުކަޒީ ބޭންކުން ބޭނުންވެއްޖެ ހާލަތެއްގައި ސުޕަވައިޒް ކުރެވޭނެއެވެ. އެގޮތުން އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އަދި އޮތޯރިޓީން އަންގާ ވަގުތެއްގައި އެދޭ މައުލޫމާތާއި ލިޔެކިއުންތައް ހުށަހަޅަން ޖެހެއެވެ. މި ޤަވާއިދުގެ ދަށުން، ވިޔަފާރި ހިންގަމުންދަނީ ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށް އޮތޯރިޓީން އައްޔަން ކުރާ ފަރާތެއް މެދުވެރިކޮށް ނުވަތަ އެމްއެމްއޭގެ އޮފިސަރުން މެދުވެރިކޮށް އެތަނެެއްގެ ރެކޯޑުތައް ބެލުމަށް އޮންސައިޓް އެގްޒެމިނޭޝަން ހިންގިދާނެއެވެ.
މިއެގްޒެމިނޭޝަންތަކުގައި ބޭރުފައިސާ ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ވިއްކާތޯ ބަލައި ރެކޯޑުތައް އަޅާ ކިޔައެވެ. މިކަމުގެ ތެރެއިން ބޭރުފައިސާ މުޢާމަލާތްތަކުގެ ރެކޯޑުތައް ދިމާނުވާނަމަ، ޖޫރިމަނާ ކުރުމާއި ލައިސަންސް ބާތިލްކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިދެއެވެ. މި ޤަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ ވިޔަފާރިއަކުން ޤަވާއިދާ ޚިލާފުވާނަމަ 10،000ރ. އާއި 1،000،000ރ. ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ.
މި ޤަވާއިދުގެ ދަށުން ބޭރުފައިސާ ގަނެވިއްކުމުގެ ވަކި ރޭޓެއް ކަނޑައަޅާފައިވާނަމަ އެ ރޭޓަކާއި ޚިލާފަށް ބޭރުފައިސާގެ މުޢާމަލާތްތައް ކުރުމަކީ މަނާކަމެކެވެ. އަދި މިވަގުތު ރައްޔިތުންގެ މަޖިލީހުގައި އޮތް ބޭރުފައިސާގެ ޤާނޫނުގައިވެސް މިކަން ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.