ޚަބަރު

ކުނި މެނޭޖްކުރުމަށް ނިޒާމީގޮތުން ވަށާޖެހޭ މުހިންމު ހައްލުތަކެއް


  • ޤާނޫނަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވޭ

  • ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ ނިމިދިޔަ ހަފްތާގައި

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް އިތުރުކުރިއެރުންތަކެއް ލިބޭނެއެވެ.

ރާއްޖެއަކީ އިޤްތިޞާދީ އަދި ސިނާޢީ މަސައްކަތްތައް އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ޤައުމަކަށްވާއިރު އެފަދަ ސަރަޙައްދުތަކުގައި ހުންނަ ކުނީގެ ޒިންމާ ނަގާނެ ފަރާތެއް ސާފުކޮށް އެނގެން އޮތުން މުހިންމެވެ. ބައެއް ފަހަރު ސިނާޢީގޮތުން ކުރާ މަސައްކަތްތައް ނިމޭއިރު އުފެދޭ ކުނި ނައްތާނުލެވި ގިނަ ދުވަސްވުމުގެ ސަބަބުންނާއި، ކުންޏަށް ޒިންމާވާނެ ފަރާތެއް ސާފު ނުވުމުން، ކުނި ނައްތާލުމަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ. އަދި އިޤްތިޞާދީ އެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގައި، އެ މުއްދަތުގައި އުފެދޭ ކުނި ނައްތާލުމަށްވެސް މިފަދަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނައަށް މިހާރު ގެނައި އިސްލާހުގެ ސަބަބުން މިމައްސަލައަށް ހައްލު ލިބޭނެއެވެ. ޤާނޫނަށް ގެނައި އިސްލާހްގައި ބުނެފައި ވަނީ އިޤްތިޞާދީ އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ދޫކުރާ ރަށްތަކާއި، ސަރަހައްދުތަކުގައި އެތަނަކަށް އެކަށީގެންވާ ކުނި މެނޭޖްކުރުމުގެ ސިޔާސަތެއް ކަނޑައަޅަންވާނެކަމަށެވެ. މިއާއެކު ދުވަހުން ދުވަހަށް ނައްތާލަންޖެހޭ ކުނިތަކާއި، އެ ނޫން ކުނީގެ ބާވަތްތައް ޒިންމާދާރުކަމާއެކު ނައްތާލުމަށް ކަންކަން ޕްލޭންކުރުމަށް މަގުފަހިވާނެއެވެ.

ހަމައެހެންމެ ޤާނޫނަށް ގެނައި އިސްލާހުގައި، ކުނި މެނޭޖްކުރުމުގެ ނިޒާމު ފަރުމާކޮށް، ޤާއިމްކުރުމުގެ އިތުރުން، ކުނި މެނޭޖްކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ހިމަނާފައިވުމަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތް އެއް ހަމައަކުން ކުރުމަށް ލިބޭނެ ބާރެކެވެ. އަދި ވަކި ސްޓޭންޑަޑަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ފައްތަން އޭގެ ސަބަބުން މަގުފަހިވާނެއެވެ.

މީގެއިތުރުން ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރާނެ މިންގަނޑުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތްކުރާ މަރުކަޒުތައް ޤާއިމްކުރުމުގެ މިންގަނޑުތައް ކަނޑައަޅާނެއެވެ. އަދި މިމަރުކަޒުތައް ޤާއިމްކުރާ ސަރަހައްދުތައް ކަނޑައެޅުމާއި ބެހޭ އުސޫލުތައް އެކުލަވާލުމަށްވެސް ހިމަނާފައިވެއެވެެ. އެހެންކަމުން ކުނި މެނޭޖްކުރުމަށް ކަނޑައަޅާ ތަންތަނަކީ އެކަމަށް އެންމެ އެކަށީގެންވާ ތަންތަންކަން މި ޤާނޫނުގެ ދަށުން ކަށަވަރުކުރެވޭނެއެވެ.

ކުނި މެނޭޖްކުރުމުގެ ނިޒާމްގެ ފެންވަރު އިތުރަށް ކަށަވަރުކޮށްދޭ އަނެއްކަމަކީ، ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަ މިންގަނޑުތަކާއި، އެ ވަސީލަތްތައް ޓެސްޓްކޮށް ސަރޓިފައިކުރުމުގެ މިންގަނޑުތައް ކަނޑައެޅުމަށް އެ ޤާނޫނަށް ގެނައި އިސްލާޙުގައި ހިމަނާފައިވުމެވެ. މިކަމުގެ ސަބަބުން ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ބޭނުންކުރާ ހުރިހާ ވަސީލަތްތައް ފެތެންޖެހޭ މިންގަނޑު ސާފުކޮށް އެނގެން އޮންނާނެއެވެ. މިއީ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކުނި ނައްތާލުމަށް ސަމާލުކަން ދިނުން މުހިންމު ކަމެކެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތައް އެކުލަވާލުމާއި، ޤާނޫނު ތަންފީޒުކުރުމަށް ކަންކަން ރާވައި ހިންގުމާއި ކުނި މެނޭޖްނުކުރުމުން ދިމާވާ ކަންކަމަށް ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް ވަނީ ބާރުތައް ދީފައެވެ. އެގޮތުން ކުނި މެނޭޖްނުކުރުމުން ލިބޭ ޞިއްޙީ ނުވަތަ ތިމާވެށީގެ ގެއްލުމާއި ގުޅިގެން ޖޫރިމަނާކުރުމުގެ ބާރުވެސް މި ޤާނޫނުގައި ވަނީ ދީފައެވެ. އެ ފިޔަވަޅުތައް އަޅަންޖެހޭނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން މިނިސްޓްރީގެ ވަކި ހުއްދައެއް ހޯދައިގެން ރާއްޖެއަށް ކުނި އެތެރެ ކުރެވެއެވެ. ނަމަވެސް އެފަދަ ހުއްދައެއް ދޫކުރެވެނީ މިނިސްޓްރީން ހަދާފައި އޮންނަ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިހާރު ގެނެސްފައިވާ އިސްލާޙު ބުނާގޮތުން އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.

އެހެންކަމުން މި އިސްލާހަކީ ކުނި މެނޭޖްކުރުމުގެ ނިޒާމް އިތުރަށް ކުރިއަރުވައި ނިޒާމަށް ވަށާޖެހޭ ހައްލެއް ގެނެސްދިން މުހިންމު ބަދަލެކެވެ.