ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި އެ ބާޒާރުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް، އެކި އަގުތަކުގައި ބޭރުފައިސާ ގަނެވިއްކުމަކީ ޒަމާންތަކެއްވެފައިވާ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން އުފުލިފައިވާއިރު، ރައްޔިތުން އެދެމުންދަނީ މިކަމަށް ހައްލެއް ހޯދައިދިނުމަށެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައި އޮތްކަމީ، އެއްވެސް މީހަކަށް ދެކޮޅު ނެހެދޭނެ ހަޤީޤަތެކެވެ. މަނީ އެކްސްޗޭންޖުތަކުންނާއި، އަމިއްލަ ފަރުދުންގެ ތެރެއިން ޑޮލަރުގެ އާމްދަނީ ލިބޭ ބައެއް ފަރާތްތަކުންވެސް މިކަމުގައި ބައިވެރިވެއެވެ. ރާއްޖެއަކީ، ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ބޭރުފައިސާއަށް ބޭނުންޖެހިފައިވާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.
އެކި ބޭނުންތަކަށް ޑޮލަރު ހޯދަން ޖެހިފައިވާއިރު، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމަކީ ކޮންމެ ރައްޔިތަކަށްވެސް މިއަދު އޭގެ އަސަރު ކުރާ ކަމެކެވެ. ޑޮލަރުގެ އަގު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑުތަނުން އުފުލެން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ، މިދިޔަ ސަރުކާރުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނު ސަސްޕެންޑްކޮށް، ފައިސާ ޗާޕުކުރަމުން ދިޔުން ކަމަށް އިޤްތިސާދީ ދާއިރާގެ އެތައް ބަޔަކު ޤަބޫލުކުރެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ، ޤާނޫނުތަކަށް އިސްލާޙުތައް ގެންނަވަމުންނެވެ. އެގޮތުން ބޭރުގެ ފަރާތްތަކުން ނަގާ ޓެކުހަށް ބަދަލު ގެނައުމާއި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ތަންތަނުން ބޭރުފައިސާ މާރުކުރުމާ ގުޅޭ އުސޫލުތަކަށްވެސް ގެންދަވަނީ ބަދަލުތައް ގެންނަވަމުންނެވެ.
މިމަސައްކަތްތަކުގެ ދަށުން މިފަހުން ބޭރުފައިސާއާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާޙުތަކުގައި ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް، ބޭރުފައިސާގެ އާމްދަނީ އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރަން ވަނީ ހުށަހަޅާފައެވެ. މީގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ބޭރުފައިސާގެ އަދަދު އިތުރުވެގެންދާނެއެވެ.
މި އިސްލާޙުގެ ކެޓަގަރީ-އޭގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %20 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ސަރުކާރުން ހުށަހެޅުއްވި އިސްލާޙުތަކާއެކު ރާއްޖޭގައި އުފެދިފައިވާ ކަޅު ބާޒާރާ ޚިލާފަށްވެސް ފިޔަވަޅުތައް އެޅުމަށް އެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އިސްލާޙުތަކެއް ހުށަހަޅުއްވާފައެވެ. މި އިސްލާޙުތަކުގެ ތެރޭގައި ބޭރު ފައިސާ ގަނެވިއްކުމުގައި އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކާ ޚިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެކަން ވަނީ ބަޔާންކޮށްފައެވެ. އެފަދަ ކުށެއްގެ އަދަބަކީ، އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ބޭރު ފައިސާ އިސްތިހާރު ކުރުމާއި، ޕްރޮމޯޓްކުރުމަކީވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާޙު ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިސްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާޙުގައި އިސްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުން ކަމުގައި ބުނެފައިވަނީ އެމްއެމްއޭއިން ބޭރުފައިސާ ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރު ކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާޢިއު ކުރުމާއި، ފެތުރުމާއި، ތަކުރާރު ކުރުމާއި، ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، އިޝްތިހާރު ކުރުމުގައި ޤާނޫނީ ޝަޚުސެއް ޝާމިލުވާނަމަ އެފަރާތެއް 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބޭރުފައިސާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކަކީ، ރާއްޖޭގެ އިޤްތިސާދީ ހާލަތު މިހާރު އޮތްގޮތުން ކޮންމެހެން މުހިންމު އިސްލާޙުތަކެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މީގެ ތެރޭގައި މަޖިލީހުގައި އިދިކޮޅު ޕާޓީތައް ތަމްސީލުކުރައްވާ މެންބަރުންވެސް ހިމެނެއެވެ.
މި އިސްލާޙުތަކާއެކު ބޭރުފައިސާއާބެހޭ ބިލު މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، މި އިސްލާޙަށް އަމަލުކުރަން ފަށާނީ މަޖިލީހުން ބިލު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީޤު ކުރެއްވުމުންނެވެ. އެއާއެކު ރާއްޖޭގައި ފާޅުގައި ހިންގަމުންދާ ޑޮލަރުގެ ކަޅުބާޒާރުން އޭގެ އަސަރު ފެނިގެންދާނެކަމަށް ބެލެވެއެވެ. ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުން އިޝްތިހާރުކުރުން ހުއްޓޭނެއެވެ.
ޤާނޫނަށް އިސްލާޙުތައް ގެނައި ނަމަވެސް ރައްޔިތުން ބޭނުންވާ ބަދަލު އަންނާނީ، މި އިސްލާޙުތަކާ އެއްގޮތަށް ޤާނޫނު ތަންފީޒު ކުރެވޭކަން ކަށަވަރު ކުރެވިގެންނެވެ. އެހެން ނޫންނަމަ ޑޮލަރުގެ އަގަށް އެއްވެސް ބަދަލެއް ނައިސް، ޤާނޫނާ ޚިލާފަށް ޑޮލަރު ގަނެ ވިއްކުން ދާނީ ކުރިއަށެވެ.