މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދަށް ހަވަނަ އިސްލާހު ގެނެސް، ޤަވާއިދު ޝާއިޢުކޮށްފިއެވެ.
މިއިސްލާހުގެ ދަށުން ރާއްޖޭގެ ޓެކްސް ނިޒާމަށާއި، ބޭރު ފައިސާއިން ހިސާބު ބެލެހެއްޓުމުގެ މިންގަނޑުތަކަށާއި، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކުންފުނިތަކާއި ޕާޓްނާޝިޕްތައް އުވާލުމާ ގުޅޭ އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، އެއް ފަރާތަށްވުރެ ގިނަ ފަރާތަކުން އުޖޫރަ ލިބޭ މީހެއްނަމަ، އަދި އުޖޫރަދޭ އެއްވެސް ފަރާތަކުން އެމީހާ ރަޖިސްޓްރީކޮށްފައިނުވާނަމަ، އެމީހާ އަމިއްލަޔަށް މީރާގައި ރަޖިސްޓްރީވުން ވަނީ ލާޒިމުކޮށްފައެވެ. އަދި 12 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 60,000 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލިބޭނަމަ މީރާގައި ރަޖިސްޓްރީވުންވެސް ވަނީ ލާޒިމުކޮށްފައެވެ.
މީގެ އިތުރުން، ޕާޓްނާޝިޕްތައް އުވާލުމުގެ މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި މީރާއަށް އަންގަންޖެހޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، އަހަރެއްގެ ތެރޭގައި 500,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޕާޓްނާޝިޕްތައް އުވާލާ ފަރާތްތައް ޓެކްސް ދައްކަންދެން މީރާގައި ރަޖިސްޓްރީ ކުރުވުމުގެ ބާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިފައިވާ ކަމަށްވެސް މި އިސްލާހުގައިވެއެވެ.
މުވައްޒަފުންގެ އެކޮމަޑޭޝަނާއި ވިތުހޯލްޑިންގ ޓެކްސްގެ އޮނިގަނޑަށް ބަލާއިރު، ފަޅުރަށްރަށާއި ރިސޯޓުތަކުގެ އިތުރުން ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިންނަށް ދޭ އެކޮމަޑޭޝަނަކީ ދިރިއުޅެން އެކަށީގެންވާ ވަކި މިންގަނޑުތަކަކަށް ފެތޭ ތަންތަން ކަމުގައި ވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މުވައްޒަފުންގެ އާމްދަނީން ވިތުހޯލްޑިންގ ޓެކްސް ކަނޑާނެ އައު ރޭޓުތައްވެސް ވަނީ އާންމުކޮށްފައެވެ.
* 60,000 ރުފިޔާއާ ހަމައަށް: %0 ޓެކްސް
* 60,000 - 100,000 ރުފިޔާއާ ދެމެދު: %5.5 ޓެކްސް ރޭޓު
* 100,000 - 150,000 ރުފިޔާއާ ދެމެދު: %8 ޓެކްސް ރޭޓު
* 150,000 - 200,000 ރުފިޔާއާ ދެމެދު: %12 ޓެކްސް ރޭޓު
* 200,000 ރުފިޔާއަށްވުރެ މަތީގެ އާމްދަނީ: %15 ޓެކްސް ރޭޓު
މި ގަވާއިދުގައި ފައިނޭންސް ލީސް އަދި އޮޕަރޭޓިންގ ލީސް ވަކިކުރާނެ މިންގަނޑުތަކާއި، ކެޕިޓަލް އެލަވަންސް ދިނުމުގައި 2020އިން 2026އާ ދެމެދު ހޯދާފައިވާ މުދަލާއި 2027އިން ފެށިގެން ހޯދާ މުދަލަށް ވަކި އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ.
މީގެ އިތުރުން، ޖުމްލަ އާމްދަނީގެ %50 އަށްވުރެ ބޮޑުބައެއް ބޭރު ފައިސާއިން ލިބޭ ވިޔަފާރިތަކުން، ޓެކްސް ހިސާބުތައް ބެލެހެއްޓުމަށް "ފަންކްޝަނަލް ކަރަންސީ"އެއްގެ ގޮތުގައި އެ ފައިސާއެއް ބޭނުންކުރަންޖެހޭނެ ކަމަށާއި، ބޭރު ފައިސާ ބަދަލުކުރުމުގައި އެމްއެމްއޭގެ ރޭޓުތަކާ އެއްގޮތްވާންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އިންކަމް ޓެކްސްގެ ގަވާއިދަށް ގެނައި އިސްލާހުގައި އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މިންގަނޑުތަކުގެ ތެރޭގައި އަހަރީ ޖުމްލަ އާމްދަނީ 10 މިލިޔަން ރުފިޔާއަށްވުރެ އިތުރުވާ ނުވަތަ އެސެޓްގެ އަގު 30 މިލިޔަން ރުފިޔާއަށްވުރެ ބޮޑުވާ ވިޔަފާރިތައް އޮޑިޓްކުރަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މިއިސްލާހް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު މިޤަވާއިދަށް ވަގުތުން އަމަލުކުރަން ފަށާފައިވާތީ، ޓެކްސް ދައްކާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުން މި ބަދަލުތަކާ އެއްގޮތަށް އަމަލުކުރުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.