ވީއޭއެމް ކަޕުގެ ކޮލިފިކޭޝަނުން ފެށިގެން ކްލަބް އެމްޓީސީސީގެ ޓާގެޓަކީ ގައުމީ ލީގަށް ކޮލިފައިވުން ކަމަށާއި، އެކަން ހާސިލްވެ، އެމްޓީސީސީން ވީއޭއެމް ކަޕުގައި ހާސިލްކުރަން ބޭނުންވި ޓާގެޓަށް ހާސިލްވެވިއްޖެ ކަމަށް އެ ޓީމުގެ ކޯޗު އިބްރާހީމް ނިޒާރު (ބޮޑޭ) ބުނެފިއެވެ.
ވީއޭއެމް ކަޕުގެ ފައިނަލުން އެމްޓީސީސީ ޖާގަ ހޯދީ ވަރުގަދަ އެޗްޑީސީގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ. މި މެޗުގެ 25-20، 21-25، 18-25 އަދި 21-25 އިންނެވެ.
މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ނިޒާރު ބުނީ ވޮލީގައި އެމްޓީސީސީއަކީ އައު ކުލަބަކަށް ވެދާނެކަމަށެވެ. އެކަމަކު އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ މި ފެންވަރުގެ މުބާރާތްތަކަށް އައު ކުޅުންތެރިން ނޫން ކަމަށެވެ. އަދި އެ ކުޅުންތެރިން އެޗްޑީސީއާ ދެކޮޅަށް ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށް ނިޒާރު ބުންޏެވެ.
ނިޒާރު ބުނީ މި ފަހަރުގެ ވީއޭއެމް ކަޕުގެ ކޮލިފިކޭޝަނަށް އެމްޓީސީސީން ނުކުތީ، ގައުމީ ލީގުން ޖާގަ ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި އެކަން އެމްޓީސީސީއަށް ހާސިލްވެއްޖެ ކަމަށާއި، އެމްޓީސީސީން ކުރިއަށް އޮތް ފައިނަލަށް ނުކުންނާނީ ފުރަތަމަ މުބާރާތް ރަން ވަނަ އަކުން ކާމިޔާބުކޮށް ގައުމީ ލީގަށް ދިޔުމުގެ ޓާގެޓާއެކީގައި ކަމަށެވެ.
ފައިނަލުގައި އެމްޓީސީސީން ނުކުންނަން ޖެހޭނީ ފިރިހެން ވޮލީގައި އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.