ޚަބަރު

ޤަތުލުޢާންމު ކުރިއަށް ގެންދިއުމަށް ޣައްޒާ މަގުޗާޓަށް ނަތަންޔާހޫ ހުރަސްއަޅަނީ


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވައިލެއްވި ޞުލްޙައިގެ މަގުޗާޓަށް ޔަހޫދީ ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންުޔާހޫ ހުރަސްއަޅަމުންދާ ކަމުގައި، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ. ނަތަންޔާހޫ ޣައްޒާ މަގުޗާޓަށް ހުރަސްއަޅައި، ޤަތުލުޢާންމު ކުރިއަށް ގެންދަން ވެގެން ކަން ޙަމާސުން ބުނެފައި ވަނީ، ޣައްޒާ ސިޓީގެ ފުލުހުންގެ މަރުކަޒަކަށް ޔަހޫދީ ސިފައިން ނިރުބަވެރި ހަމަލާތަކެއްދީ ނުވަ މީހުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

މި ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ފުލުހުން ކަން ހާމަކޮށް، ޙަމާސުން ވަނީ މިއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި، މިއީ އެއްބަސްވުންތަކާ ޚިލާފަށް ހިންގާފައިވާ ޢުދުވާނެއް ކަމަށާއި، ޣައްޒާ މަގުޗާޓަށް ހުރަސްއެޅުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. ހަމަލާ އަމާޒުކޮށްފައި ވަނީ ޙަމާސްގެ އިސްވާރުންނަށް ކަމަށް ބުނެ ޔަހޫދީން ދައްކާ ވާހަކަތައް ދޮގުކުރަމުން ޙަމާސުން ބުނީ، އެއީ ފުލުހުންނާއި ޢާންމު ރައްޔިތުންނަށް ގަސްދުގައި ހަމަލާދިން ކަން ފޮރުވުމަށް ދައްކާ ބަހަނާއެއް ކަމުގައެވެ.

ޔަހޫދީންގެ އެންމެ ފަހުގެ ހަމަލާ ދީފައި މި ވަނީ، ޞުލްޙައިގެ މަގުޗާޓު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ހަމާސްގެ އިސްވާރުން ޓްރަމްޕްގެ ޚާއްޞަ މަންދޫބު ޖެރަޑް ކުޝްނަރއާ ބައްދަލު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މި ވަގުތު ޢުދުވާނީ ހަމަލާތައް ފުޅާކުރުމަކީ، ގަސްދުގައި އެއްބަސްވުމަށް ހުރަސްއަޅައި، ސަރަޙައްދީ ހަމަނުޖެހުން ފުޅާކުރުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާ ކަން ސާބިތުވާ ޖަރީމާއެއްގެ ގޮތުގައި ޙަމާސުން ސިފަކުރެއެވެ.

މިއީ، 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ސިފައިން ޣައްޒާއަށް ނިރުބަވެރި ހަމަލާތަކެއް ދީފައިވާ ދެވަނަ ފަހަރެވެ. އޮގަސްޓު 18 ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ކެފޭއަކަށް ޑްރޯން ހަމަލާއެއްދީ ހަ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. މި ފަދަ ޢުދުވާންތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ހަމާސުން ވަނީ ޓްރަމްޕްގެ ސަރުކާރާއި، ޞުލްޙައިގެ މަގުޗާޓު އެކުލަވައިލުމުގައި މަސައްކަތްކުރި މެދުވެރިންނަށް ގޮވައިލާފައެވެ. އަދި، މަގުޗާޓަށް ޔަހޫދީން ކިޔަމަންކުރުވުމުގެ ގޮތުން އެ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައި، ނަތަންޔާހޫގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް ވެސް ހަމާސުން ވަނީ ބާރުއަޅާފައެވެ. ނަމަވެސް، ޞުލްޙައިގެ މަގުޗާޓު ތަންފީޒުކުރުމަށް ނަތަންޔާހޫ ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.