ޚަބަރު

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު މުޙައްމަދު


  • ހިންގުމުގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ

  • އެންމެ ފަހުން އަދާކުރެއްވީ ޖޭއެސްސީގެ އިސް މަޤާމުތަކެއް

  • ޕެންޝަން ފަންޑުގެ ސާފު އަގު 27.94 ބިލިޔަން ރުފިޔާ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަޤާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކުރައްވައިފިއެވެ.

ޔަޒްމީދަކީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ޕަބްލިކް އޮޑިޓިންގް އަދި ވިޔަފާރި މެނޭޖްމަންޓްގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ އަގުހުރި ޚިދުމަތްތަކެއް ކުރައްވާ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

އެންމެ ފަހުން އަދާކުރައްވާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސް އަދި ކޮމިޝަނަރުގެ މަޤާމެވެ. މި މުއްދަތުގެ ތެރޭގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ކޮމިޓީގެ މުގައްރިރުކަމާއި، ޖުޑީޝަލް އެކަޑަމީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތް އިވެލުއޭޓްކުރާ ކޮމިޓީގެ މެންބަރުކަންވެސް ވަނީ ކުރައްވާފައެވެ.

މީގެ ކުރިން، 2014 އިން 2019 އަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ކޮމިޝަނަރުގެ ހައިސިއްޔަތުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، މުއައްސަސާތަކުގެ ގަވަރނަންސް ރިވިއުކުރުމުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ހިންގުނު މުހިންމު ހަރަކާތްތައް ޔަޒްމީދު ވަނީ ލީޑުކުރައްވާފައެވެ.

ޔަޒްމީދު ޚިދުމަތް ފެއްޓެވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުންނެވެ. އެ އޮފީހުގައި 10 އަހަރު މަސައްކަތްކުރެއްވިއެވެ.

ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސްގެ (އޭ.ސީ.ސީ.އޭ) މެންބަރެކެވެ. އޭނާ ވަނީ އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެމްބީއޭ ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން އެޕްލައިޑް އެކައުންޓިންގް ދާއިރާއިން ފަސްޓް ކްލާސް އޮނަރސްއާއެކު ބެޗްލަރ އޮފް ސައިންސް ހާސިލުކުރައްވާފައިވެއެވެ. މިއީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ (ސީ.އޭ މޯލްޑިވްސް) ވެސް މެންބަރެކެވެ.

ޕެންޝަން އޮފީހަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި އެމްއާރްޕީއެސް ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ހިންގާ ބެލެހެއްޓުމަށް އުފައްދަވާފައިވާ އޮފީހެކެވެ.

ޕެންޝަން އޮފީސް ވުޖޫދުވީއްސުރެ، އެ އޮފީސް ދެމިއޮތީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ މަޤާމުގައެވެ. މިހާރު އެ އޮފީހުން މެނޭޖްކުރަމުންދާ ފަންޑުގެ ސާފު އަގު (ނެޓް އެސެޓް ވެލިއު) 27.94 ބިލިޔަން ދިވެހި ރުފިޔާއަށް އަރައެވެ.

ޕެންޝަން އޮފީހުން 107,000 އަށްވުރެ ގިނަ މެންބަރުންގެ ޕެންޝަން ފަންޑު ބަލަހައްޓަމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 25,000 އަށްވުރެ ގިނަ ދޮށީ އުމުރުގެ ރައްޔިތުންނަށް އަސާސީ ޕެންޝަން ދަނީ ފޯރުކޮށްދެމުންނެވެ.