އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާތަކުގައި މަސައްކަތްކުރާ ޚިދުމަތްތެރިންނަށް އަމާޒުކޮށް 2025 ވަނަ އަހަރުގެ ތެރޭގައި ދީފައިވާ ހަމަލާތައް ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ކަން އެކުވެރި ދައުލަތްތަކުން (އދ) ހާމަކޮށްފިއެވެ. ކެނެޑާއާއި އޮސްޓްރޭލިޔާއިން ހިންގާ 'އެއިޑް ވަރކަރ ސެކިޔުރިޓީ ޑޭޓާބޭސް' ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ތެރެއިން 907 ޚިދުމަތްތެރިއަކު މަރައިލާފައި، ނުވަތަ ޒަޚަމު ކޮށްލާފައި ނުވަތަ ރަހީނު ކޮށްފައިވެއެވެ.
ދެހާސް ސައުވީސް ވަނަ އަހަރު އެ ޢަދަދު ހުރީ 833 ގައެވެ. ދެހާސް ފަންސަވީސް ވަނަ އަހަރު ދިން ހަމަލާތަކުގައި އެހީދޭ ޚިދުމަތްތެރިންގެ 305 މީހުން މަރައިލާފައިވާއިރު، އޭގެ ކުރީ އަހަރު މަރުވެފައި ވަނީ 387 ޚިދުމަތްތެރިންނެވެ. ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި އެހީދޭ ޚިދުމަތްތެރިންގެ ފުރާނައަށް ނުރައްކާވަމުންދާ މިންވަރު އިތުރުވެފައި މި ވަނީ، ހަތިޔާރުއެޅި ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތަކުގެ ޢަދަދު އިތުރުވުމުގެ ސަބަބުން ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ މި ކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމައިގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކަށް އިޙުތިރާމުކުރުމަށާއި، ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް ގޮވައިލައްވާފައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އިންސާނިއްޔަތުކަމަށް މަސައްކަތް ކުރުމުގެ ދުވަހުގެ ތައްޔާރީތައް އދ އިން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެހީދޭ އދ ގެ އިދާރާގެ ވެރިޔާ ޓޮމް ފްލެޗަރ ވެސް ވިދާޅުވީ، ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި އަގުހެޔޮކޮށް ލިބެންހުންނަ ޑްރޯންގައި ހަތިޔާރު ހަރުކޮށްގެން ދެމުންދާ ހަމަލާތައް އިތުރުވުމަކީ އެހީދޭ ޚިދުމަތްތެރިންނަށް އޮތް ނުރައްކާ ބޮޑުވި މައިގަނޑު ސަބަބު ކަމުގައެވެ. މި ގޮތުން، ކޮންގޯގައި ޑްރޯނެއް ބޭނުންކޮށްގެން ދީފައިވާ ހަމަލާއެއްގައި އެހީދޭ ޖަމުޢިއްޔާއެއްގައި ޚިދުމަތްކުރާ ފަރަންސޭސިވިލާތުގެ ރައްޔިތަކު މަރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ހާދިސާގައި ތިން މީހުން މަރުވިއެވެ. މީގެ އިތުރުން ސޫދާނާއި ޔޫކްރެއިންގައި ވެސް އެހީދޭ ޚިދުމަތްތެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ދެހާސް ފަންސަވީސް ވަނަ އަހަރު އެހީދޭ ޖަމުޢިއްޔާތަކަށް ޚިދުމަތްކުރާ މީހުންގެ ތެރެއިން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ ފަލަސްޠީނުގެ ޣައްޒާގައި ޚިދުމަތްކުރާ މީހުންނަށެވެ. ޣައްޒާގައި ޙާލުގައި ޖައްސާފައިވާ ދެ މިލިޔަނަށްވުރެ ގިނަ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އެހީދޭ ޚިދުމަތްތެރިންނަށް ޔަހޫދީ ފައުޖުން ގަސްދުގައި ނިރުބަވެރި ހަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި މަސްރަޙުގެ ދާރިސުން އިއްތިފާގުވެއެވެ. ހުސްވި އަހަރު ޔަހޫދީން ދީފައިވާ މި ފަދަ ހަމަލާތަކުގައި އެހީދޭ ޖަމުޢިއްޔާތަކުގައި ޚިދުމަތްކުރާ 186 މީހުން ޝަހީދުކޮށްލިއެވެ. ދެވަނައަށް އެންމެ ނުރައްކާތެރި ޙާލަތެއް އޮތީ ސޫދާނުގައެވެ.
ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން (އުންރުވާ) ބުނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ޤަތުލުޢާންމުގެ ތެރެއިން ދިން ނިރުބަވެރި ހަމަލާތަކުގައި އެހީދޭ ޖަމުޢިއްޔާތަކުގައި ޚިދުމަތްކުރާ 393 މުވައްޒަފުން ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. މި މައްސަލަތައް ތަޙުޤީޤު ކުރުމަށް ޚާއްޞަ ކޮމިޝަނެއް އެކުލަވައިލުމަށް އުންރުވާގެ ކުރީގެ އިސްވާރު ފިލީޕޯ ލެޓްޒަރީނީ ވަނީ އެެދިވަޑައިގަންނަވާފައެވެ. އިންސާނީ ޚިދުމަތުގައި ތިބި މީހުންނަށް ޔަހޫދީ ސިފައިން ގަސްދުގައި ހަމަލާދޭ ކަމުގައި، އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ، އޮކްސްފެމްގެ އިސް އޮފިޝަލެއް ކަމުގައިވާ ބުޝްރާ ޚާލިދީ ވެސް އިއްތިފާގުވެ ވަޑައިގަންނަވައެވެ.