8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ކޮންފަރެންއަކީ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީގެ ފަރާތުން މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
ބައިނަލް އަޤުވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސްތަކުގެ ސަބަބުން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާމެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު މުދައްރިސުންނަށް ލިބިދެއެވެ.
މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 އިން 13 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައެވެ.
މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފައެވެ. ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 29 ވަނަ ދުވަހެވެ.
މިއަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ "ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗަރ" މި ޝިއާރަށެވެ.
އެންއައިއީއިން ވިދާޅުވީ މިކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން 60 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 4 ވޯކްޝޮޕަކާއި، 2 ޕެނަލް ޑިސްކަޝަން އަދި 2 ކީނޯޓް ސެޝަން ކުރިއަށްގެންދިޔުމަށްވެސް ހަމަޖެހިފައިވާކަމަށް އެ އިންސްޓިޓިއުޓްއިން ވިދާޅުވިއެވެ.
މިފަހަރުގެ ކޮންފަރެންސްގައި އަލިއަޅުވާލެވޭނެ މުހިންމު މައުޟޫޢުތަކުގެ ތެރޭގައި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާއި ދިނުމާއި ގުޅުންހުރި އެކި މައުޟޫޢުތަކާއި، ކުދިން ޝައުޤުވެރިވާނެ ގޮތަށް ކިޔަވައިދޭނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ބަލަންޖެހޭ ކަންތައްތަކާއި ކޯޑިންގ އަދި ރޮބޮޓިކްސްފަދަ ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތައް ހިމެނެއެވެ.
އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެންސްއަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.