ޚަބަރު

ފާއިތުވި ހަފުތާގައި އެމްޕީއެލްއިން 1655 ކޮންޓެއިނަރ ކްލިއާކުރި


  • ގިނައިން ކްލިއާކޮށްފައިވަނީ ބިހާއި ފިޔާ

  • ޖުމުލަ 40،275.52 ޓަނުގެ މުދާ ކްލިއާކުރި

މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފުތާގައި އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާ ކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ގިނައީ އަސާސީ ކާބޯތަކެތި ކަމަށްވާ ބިހާއި ފިޔަލެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9 އިން 15 އަށް، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ވެސް ކޮންޓެރިނަރ ވަނީ ކްލިއާ ކޮށްފައެވެ. އެގޮތުން، 1312 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި، 343 އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 'ކޮންސައިންމަންޓްސް' ނުވަތަ ވިއްކުމުން ފައިސާ ދައްކާ ގޮތަށް ބަހައްޓާ މުދާ ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި ކްލިއަރެންސް ދިން މިންވަރަށް ބަލާއިރު ޖުމުލަ 40،275.52 ޓަނުގެ މުދާ ކްލިއާ ކޮށްފައިވެއެވެ. އެގޮތުން ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 38،088.37 ފްރައިޓް ޓަން ވަނީ ކްލިއާ ކޮށްފައެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2187.15 ފްރައިޓް ޓަންގެ މުދާ ވަނީ ކްލިއާ ކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ ހަފުތާގައި އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 1 ބޯޓާއި، އާންމު މުދާ އުފުލާ 4 ބޯޓު އައިސްފައިވެއެވެ. ފުރި އުޅަނދުތަކަށް ބަލާއިރު، ކޮންޓެއިނަރ އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު މާލޭ ވިޔަފާރި ބަނދަރުން ފުރާފައިވެއެވެ.

ކޮންޓެއިނަރުގެ ތަފާސްހިސާބަށް ބަލާއިރު ބޭލި ކޮންޓެއިނަރުގެ އަދަދަކީ، 766 އެވެ. އަދި ބޭރުކުރި ކޮންޓެއިނަރުގެ އަދަދަކީ، 1287 އެވެ. ޖުމްލަ އޮޕަރޭޝަންއަކީ 2053 ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މޭވާއާއި ތަރުކާރީ ފަދަ އަވަހަށް ހަލާކުވާ މުދަލުގެ 62،092 ޕެކޭޖުވަނީ ކުލިއާ ކޮށްފައެވެ.

އެންމެ ގިނައިން ކުލިއަރކުރި އަސާސީ ކާބޯތަކެތީގެ ބާވަތްތައް:

* ބިސް: 17،097 ކޭސް
* ފިޔާ: 10،836 ބަސްތާ
* ކަރާ: 7،311 ކޭސް
* އަލުވި: 6،575 ބަސްތާ
* ޓޮމާޓޯ: 4،877 ކޭސް

ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ، ހަލުވި ކަމާއިއެކު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރު ރަސްމީކޮށް ހުޅުވައި، ޚިދުމަތްދިނުމެވެ. މިއާއިއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް އަވަސްވެ، ހަރުދަނާ ވެގެންދާނެއެވެ.