ޚަބަރު

"ކުރިމަގުގައި ރާއްޖެ ހަމަމަގުން ގެންދިއުމުގެ ބާރު އޮތީ ދަރިވަރުންނަށް"


  • ދަރިވަރުންގެ ފަރާތުން ލިބުނު ޚިޔާލުތައް ސީރިއަސްކޮށް ނަންގަވާނެކަމަށް ވިދާޅުވި

  • ސަރުކާރުގެ ސިޔާސަތަކީ ޒުވާނުންގެ އަޑުއަހައިގެން ކަންކަން ރަނގަޅަށް ގެންދިއުންކަމަށް ވިދާޅުވި

ކުރިމަގުގައި ރާއްޖެ ހަމަމަގަށް ގެންދިއުމުގެ ބާރު އޮތީ ދަރިވަރުންގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހއ. އުތީމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، އެރަށުގެ ކިޔަވާ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާއި ޒުވާނުންގެ އަޑުއަހައިގެން ކަންކަން ރަނގަޅަށް ގެންދިއުން ކަމަށެވެ. އަދި ޒުވާން ކުދިންނާއި ސްކޫލް ދަރިވަރުންގެ ޚިޔާލުތަކަކީ ވަރަށްވެސް އަގުހުރި އެއްޗެއްކަން ފާހަގަކުރައްވައި، ދަރިވަރުންގެ ފަރާތުން ލިބިގެންދިޔަ ޚިޔާލުތަކާއި ފާޅުކުރި ޝުޢޫރުތަކަކީ އެމަނިކުފާނު ވަރަށް ސީރިއަސްކޮށް ނަންގަވާނެ ކަންކަން ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިވަގުތު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަކީ ކުރިމަގުގައި ރާއްޖެ ހަމަމަގަށް ގެންދިއުމުގެ ބާރު އޮތް ބައެއްކަމުން، ކޮންމެ ދަރިވަރަކު ދޭ ޚިޔާލުތައް އަބަދުވެސް ސަރުކާރުން ބަލައިގަންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންނާ ބައްދަލުކުރުމަށް އިތުރު ފުރުޞަތެއް ލިބޭނެކަމުގެ އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޒުވާން ކުދިންނަށް ހުޅުވާލެއްވި ޕްރޮގްރާމެއް ކަމަށާއި، އަދި އެއީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިވަގުތު ޖާގަ އޮތް މިންވަރުން ތަމްރީނު ކުރެވެނީ ގާތްގަނޑަކަށް އަހަރަކު 1000 ކުދިން ކަން ފާހަގަކުރައްވާ، މި ޕްރޮގްރާމަށް ހުޅުވާލާ ކޮންމެ ފަހަރަކުވެސް ބޭނުންވާ ވަރަށްވުރެ ދެގުނަ އިތުރަށް، ކުރިމަތިލާކަން ފާހަގަކުރެއްވިއެވެ.

އުތީމުގައި ކިޔަވާ ދަރިވަރުން ވަނީ ރަށު ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ނެތުމުގެ ސަބަބުން އިންޑޯ ހަރަކާތްތައް ނުބޭއްވޭކަމުގެ ކަންބޮޑުވުންތައް ދަރިވަރުން ވަނީ ހިއްސާކޮށްފައެވެ. މިކަމަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިވަގުތު ބަޖެޓު ކުރެވިފައިނުވި ނަމަވެސް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ އެކުދިންނަށް ސްކޫލްގައި ކުޅޭނެ ޖާގައެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް އެކުދިން ކުޅޭ ސަރަހައްދުގައި ޓަރފް އަޅުއްވައިދެއްވުމަށް އެދިފައެވެ. އަދި މިކަމަށްޓަކައި ރަށު ކައުންސިލުން ޓަރފް އެޅޭނެ ވަރުގެ ބިމެއް ހަމަޖައްސަވައިދެއްވާފައިވާކަން އެކުދިން ފާހަގަކުރިއެވެ. މީގެ އިތުރުން، ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން އުތީމު ސްކޫލް އޭސީ ކުރެވުމުން ދަރިވަރުންނަށް އޭގެ ފަސޭހަ ލިބެމުންދާކަން ހާމަކޮށް، އެކަމަށްޓަކައި ޝުކުރުއަދާކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދެއްވައި، އެކުދީންގެ އެކިއެކި ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ވެދެއްވެންހުރި އެހީތަކާމެދު މަޝްވަރާކުރައްވައި، އެ ކަންބޮޑުވުންތައް ޙައްލުކުރެއްވުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.