ޚަބަރު

ފިޓްނަސް އައިކަން މިލިންދުއާއެކު މޯލްޑިވްސް ހާފް މެރަތަން މާދަމާ


  • މެރަތަން އޮންނާނީ ހުޅުމާލޭގައި

މޯލްޑިވްސް ހާފް މެރަތަން 2026 މާދަމާ ހެނދުނު ހުޅުމާލޭގައި ބާއްވަން ތާވަލުކޮށްފިއެވެ.

މި މެރަތަން އިންތިޒާމުކުރާ އައިރަނާސް އިން މައުލޫމާތުދޭ ގޮތުގައި، މޯލްޑިވްސް ހާފް މެރަތަން 2026ގައި ފަސް ކެޓަގަރީއަކުން 2000 ބައިވެރިން ދުވާނެއެވެ.

އެގޮތުން ހާފް މެރަތަން އާއި 15 ކިލޯމީޓަރު ދުވުން ފަތިހު 5:15 ގައި ފަށާ އިރު، ހެނދުނު 6:00 ގައި "ޓަފް ޓެން" ފަށާނެއެވެ. އަދި 7:30 ގައި ފަސް ކިލޯމީޓަރު ބައި ފަށާ އިރު، 8:30 ގައި ފަށާނީ ކުޑަކުދިންގެ ދުވުމުގެ ހާއްސަ ހަރަކާތެކެވެ.

މޯލްޑިވްސް ހާފް މެރަތަން 2026ގައި މިއަހަރު 460 ބައިވެރިން ހާފް މެރަތަންގައި ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މޯލްޑިވްސް ހާފް މެރަތަން 2026ގެ ހަރަކާތްތަކައް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ. އެގޮތުން ހުޅުމާލޭ ސިންތެޓިކް ދުވާ ޓްރެކްގައި ރޭހުގެ ބިބް ދޫކުރުމުގެ އިތުރުން ދުވުމާއި ގުޅޭ އެކި ހަރަކާތްތައް ހިމެނޭ އެކްސްޕޯއެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ފިޓްނަސް ޗެލެންޖްތަކުގެ އިތުރުން ފޮޓޯ ނެގުމާއި ދުވުމާ ގުޅޭ ހާއްސަ ސާމާނު ވިއްކުންވެސް އެކްސްޕޯގައި ކުރިޔަށް ދިޔައެވެ.

މޯލްޑިވްސް ހާފް މެރަތަން 2026އެކްސްޕޯގައި އަންގާރަ ދުވަހު ބައިނަލްއަގުވާމީ ފިޓްނަސް އައިކަން، އެންޑުއަރެންސް އެތުލީޓް އަދި ކުރީގެ ބޮލީވުޑް އެކްޓަރު މިލިންދު ސޯމަން ބައިވެރިވާނެއެވެ. އަޔަން މޭން ޓްރައި އެތުލީޓް މިލިންދު ސޯމަން އާއިއެކު ހާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ބައިނަލްއަގުވާމީ ފިޓްނަސް އައިކަން، އެންޑުއަރެންސް އެތުލީޓް އަދި ކުރީގެ ބޮލީވުޑް އެކްޓަރު މިލިންދު ސޯމަން އަކީ މޯލްޑިވްސް ހާފް މެރަތަންގެ އިންޓަނޭޝަނަލް އެމްބަސަޑަރެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މޯލްޑިވްސް ހާފް މެރަތަން 2026 އެކްސްޕޯ ބުރާސްފަތި ދުވަހު ނިންމާލާފައިވަނީ ކުޑަކުދިންނަށް ހާއްސަ އެވެންޓަކުންނެވެ. ހުކުރު ދުވަހު މޯލްޑިވްސް ހާފްމެރަތަން ކުރިޔަށް ދާނީ ހުޅުމާލޭ ސިންތެޓިކް ދުވާ ޓްރެކްގައެވެ.