ޚަބަރު

އޮންލައިންކޮށް ކިޔެވިޔަސް، ކޯސްތަކުގެ ފެންވަރު ދަށްނުވާކަން ޔަޤީންކުރޭ


  • ރާއްޖޭގައި މަތީ ތަޢުލީމުގެ ކޯސްތައް އުނގަންނައިދެނީ މައިގަނޑު 3 ގޮތަކަށް

  • އޮންލައިން އަދި އެހެނިހެން މޮޑަލިޓީގެ ކޯސްތަކުގެ އުސޫލުތައް ދަނީ އަދާހަމަކުރަމުން

ކޮންމެ މޮޑަލިޓީއަކަށް ކިޔެވިޔަސް ރާއްޖޭގައި އުނގަންނައިދޭ ކޯސްތަކުގެ ފެންވަރު އެ އިދާރާއިން ބަލަހައްޓާ މިންގަނޑަށް ފެތޭކަން ޔަޤީންކުރާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.

ތަޢުލީމާއި، މަތީތަޢުލީމް އަދި މަސައްކަތްތެރިކަމާބެހޭ ވުޒާރާ އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިއުއޭ)ގެ ބޭފުޅުންވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީ އަށް އިއްޔެ ހާޒިރުކޮށްފައެވެ. އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރީ ރާއްޖޭގައި އޮންލައިންކޮށް ހިންގާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކުގެ ފެންވަރާއި މެދު ކަންބޮޑުވުން ފާޅުކޮށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށެވެ.

ރާއްޖޭގައި މަތީ ތަޢުލީމުގެ ކޯސްތައް އުނގަންނައިދެނީ މައިގަނޑު 3 ގޮތަކަށެވެ. އެއީ ހާޒިރުވެގެން ނުވަތަ ފޭސްޓުފޭސްކޮށް، އޮންލައިންކޮށް ނުވަތަ ހާޒިރުވެގެންނާއި އޮންލައިންކޮށް ދެ ބައި ހިމެނޭހެން ކުރިއަށްގެންދާ ނިޒާމެވެ. މި ނިޒާމަށް ކިޔަނީ ބްލެންޑެޑް ނިޒާމެވެ.

ޤަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން އޮންލައިންކޮށް ކިޔެވުމަކީ އެ މީހަކު އުނގެނޭ ކޯހެއްގެ ފެންވަރު ދަށްވުންކަމަށް ޤަބޫލުކުރެވިފައިވީ ނަމަވެސް، ކޮންމެ ކޯހެއްގައިވެސް ހުރިހާ މޮޑަލިޓީއަކަށް އުނގަންނައިދެނީ އެއް މާއްދާތަކެއްގެ މައްޗަށްކަން ފިޒާނާ ފާހަގަކުރެއްވިއެވެ. އަދި އުނގެނެންޖެހޭ މިންވަރާއި ހާސިލްވާ މިންވަރުގައި ވެސް އޮންލައިންކޮށް ކިޔެވުމާއި އެހެން މީޑިއަމަކަށް ކިޔެވުމުގެ ފަރަގެއް ނެތްކަމަށް ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ ކޮންމެ ކޯހެއްގެ ސަނަދެއް ދޭއިރުވެސް އެ ސަނަދަށް ބޭނުންވާ މިންވަރަށް އެ މީހުންގެ ކިބައިގައި ފެންވަރު ހުރިކަން އެމްކިއުއޭއިންވެސް އަދި އުނގަންނައިދޭ އިދާރާތަކުންވެސް ޔަޤީންކުރާކަމަށެވެ. މީގެއިތުރުން އޮންލައިންކޮށް ގެންދާ ކޯސްތައް މޮނިޓަރކޮށް، ކޯސްތަކުގެ ފެންވަރު އެއްހަމަކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ފޭސްޓުފޭސްކޮށް ކިޔެވިޔަސް، އޮންލައިންކޮށް ކިޔެވިޔަސް އޭގެ ފެންވަރަކަށް ބަދަލެއް ނާދޭ އިނގޭތޯ." އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ 7 ދާއިރާއަކުން އުނގެނުމުގައި އޮންލައިންކޮށް ކިޔެވުމުގައި ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވާކަމަށާއި އެ ދާއިރާތައް ގުޅެނީ ރެގިއުލޭޓަރީ ކައުންސިލްތަކާކަމަށެވެ. އެ ދާއިރާތަކުން ކޯސްތައް އުނގަންނައިދިނުމުގެ ފުރުސަތު ދޭ އިރު އޮންލައިންކޮށް ކުރިއަށްގެންދެވޭނީ އެ އިދާރާތަކުގެ މަޝްވަރާތަކުގެ މަތިން ކަނޑައަޅާ ވަކި މާއްދާތަކެއް ނުވަތަ ބައިތައް އެކަނިކަމަށް ފިޒާނާ ފާހަގަކުރެއްވިއެވެ. އެފަދަ ދާއިރާތަކުން އޮންލައިންކޮށް އުނގަންނައިދޭ ކަންކަމުގެ ތެރޭގައި ހިމެނެނީ ތިއަރީ އާއި ބެލެހެއްޓުމުގެ ދާއިރާއާއި ގުޅުންހުރި ބައިތައް އެކަނިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޯސް ފަރުމާކުރަނީ ޕްރެކްޓިކަލް އަދި ޕްރޮގްރާމް މި ހުންނަނީ. ހެލްތު މެނޭޖްމަންޓް މިސާލަކަށް. އެ ބޭފުޅުން ހުއްދަދެއްވާ މެނޭޖީރިއަލް ހެލްތު ނަމަ އޮންލައިންކޮށް ގެންދެވިދާނެއޭ. އެހެންވީމަ އެ ބޭފުޅުންގެ މަޝްވަރާގެ މަތިން އެ ކަންކަންދަނީ" އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވިއެވެ.

ޤަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން ތަޢުލީމާއި، މަތީތަޢުލީމާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، ކޯސްތަކުގެ ފެންވަރު ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭކަން ޔަޤީންކުރުމަށް އިދާރާތަކުން އަބަދުވެސް މަސައްކަތްކުރާކަމަށެވެ. އެގޮތުން ޒަމާނާ އެކު އަންނަ ބަދަލުތަކަށް ހޭނުމަށް އޮންލައިން އަދި އެހެނިހެން މޮޑަލިޓީގެ ކޯސްތަކުގެ އުސޫލުތައް އަދާހަމަކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް ވިދާޅުވިއެވެ.

" ކޯހެއް ނިންމާއިރު އޮންލައިންކޮށް ކިޔެވިޔަސް އެ ކޯހަކަށް ބޭނުންވާ ފެންވަރު ހުންނާނެ. އެހެންނަމަވެސް ކޮންމެ މީޑިއަމަކަށް ކިޔެވިޔަސް އެކި ފެންވަރުގެ މީހުން ތިބޭނީ. ކިޔަވާދޭ ގޮތަކީ އެއީ މީހާގެ ފެންވަރު ބުނެދޭކަމެއް ނޫން." ތަޢުލީމާއި، މަތީތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަކީ 2000 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި އިދާރާއެކެވެ. އެ އިދާރާގެ މައިގަނޑު މަޤްސަދަކީ މަތީ ތަޢުލީމް ފޯރުކޮށްދޭ އިދާރާތަކާއި، ހިންގާ ކޯސްތަކާއި ދަސްވެނިންގެ ފެންވަރު ރަނގަޅުކަން ކަށަވަރުކޮށް، އެއް ނިޒާމެއްގެ ދަށުން އެފަދަ ކަންކަން ބެލެހެއްޓުމެވެ.