ޚަބަރު

"ފަތުރުވެރިކަމުގެ އަހަރު ފާހަގަކުރުމަށް ސިނާޢަތުގެ އެއްބާރުލުން ބޭނުންވޭ"


  • އަންނަ އަހަރުގެ ޝިޢާރަކީ ""އައިލެންޑްސް އަރ އަސް"

  • ކެމްޕެއިން ފެށުމުގެ ކުރިން ރޭވުމުގައި އިންޑަސްޓްރީގެ ބައިވެރިވުން ބޭނުންވޭ

އަންނަ އަހަރު ފާހަގަކުރާ ފަތުރުވެރިކަމުގެ އަހަރު ނުވަތަ ވިޒިޓް މޯލްޑިވްސް އިޔަރ ފާހަގަކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއްބާރުލުން ބޭނުންވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ. އަންނަ އަހަރު ފާހަގަކުރާ ފަތުރުވެރިކަމުގެ އަހަރުގެ ޝިޔާރަކީ "އައިލެންޑްސް އަރ އަސް" އެވެ.

މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ބްރީފިންގ ގެ 3 ވަނަ ކުއާޓާގެ ބައްދަލުވުން ބާސެލޯ ނަސަންދުރައިގަ ވަނީ ބާއްވާފައެވެ. މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ މައުލޫމާތު ހިއްސާކޮށް ފަތުރުވެރިކަމު ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވިޒިޓް މޯލްޑިވްސް އެއް މަންސައަކުން ބައްދަލުކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް އަންނަ ބަދަލުތަކާއި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތުގެ އަލީގައި ރަނގަޅު ނިންމުންތަކެއް ނިންމަން މަގުފަހި ކުރުމަށް މަޤްޞަދުގައި ކޮންމެ ކުއާޓާއަކު ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީންއެވެ. މި ބައްދަލުވުމުގެ ތެރެއިން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަތުރުވެރިކަމުގެ އަހަރުގެ ޝިޢާރް ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. ފަތުރުވެރިކަމުގެ އަހަރުގެ ރަސްމީ ޝިޢާރަކަށް ކަނޑައަޅާފައިވަނީ "އައިލެންޑްސް އަރ އަސް" އެވެ. ޝިޢާރު އިފްތިތާޙްކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޖަމީއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ސިނާޢަތަކީ އަވަސް ބަދަލުތަކެއް އަންނަ ސިނާޢަތަކަށްވާއިރު ރާއްޖޭގެ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ މާކެޓިން ހަރަކާތްތައް އެއް ބަޔަކަށް އެކަނި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ވިޒިޓް މޯލްޑިވްސްއިން އެކަން ކުރިއަށް ގެންދަނީ އިންޑަސްޓްރީގެ ހިޔާލާއި ތަފާސްހިސާބަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުރީ ވަނީ އަންނަ އަހަރު ފަތުރުވެރިކަމުގެ އަހަރު ފާހަގަކުރާއިރު މިއަހަރަކީ މިހާތަނަށް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ކެމްޕެއިނަކަށް ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި މި ފަހަރު ޝިޢާރު ކަނޑައެޅުމުގައި ދިވެހިވަންތަ ޝިޢާރެއް ކަނޑައެޅުމަށް އިސްކަން ދެއްވި ކަމަށް ޝިޢުރީ ވިދާޅުވިއެވެ.

އޭނާ ވަނީ މިހަރަކާތް ކުރިއަށް ގެންދިއުމަށް ސިނާޢަތުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށްފައެވެ.

"ވިޒިޓް މޯލްޑިވްސް 2027 ވަނަ އަހަރު ވެގެންދާނީ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ކުރިއަށް ގެންދެވޭ އެންމެ ބޮޑު ހަރަކާތައް. އެހެން ކަމުން އެއީ ހަމައެކަނި ވީއެމްސީން ކުރެވޭނެ ކަމެއް ނޫން. އޭގެ ބަދަލުގައި ސަރުކާރައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި، އުފެއްދުންތެރިންނާއި އަދި މިސިނާޢަތާއި ގުޅިފައިވާ އެހެނިހެން ހުރިހާ ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެ މަސައްކަތެއް." ޝިޢުރީ ވިދާޅުވިއެވެ.

ޓުއަރިޒަމް އިންޓެލިޖެންސް ބްރީފިންގ ގެ 3 ވަނަ ކުއާޓާގެ ބައްދަލުވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ވަނީ ސިނާޢަތާއި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ދީފައެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދެވުނު މަޢުޟޫޢުތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދެވުނު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ޚިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާތައް ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ވައިގެ ދަތުރުފަތުރަށް އަންނަމުންދާ ބަދަލުތަކާއި މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ވައިގެ ދަތުރުފަތުރަށް އައި ބުރުލުން އަރައިގަތުމަށް ކުރެވުނު މަސައްކަތް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އުފެއްދުންތަކާއި ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަނުގައި ވިޒިޓް މޯލްޑިވްސް ހަރަކާތްތަކުގައި ބައިވެރިވާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ދީ ޚިޔާލު ބަދަލުކޮށްފައެވެ. މީގެ އިތުރުން މިދިޔަ ކުއާޓާގެ ބައްދަލުވުމުގައި ނިންމުނު ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެވިފައިވާއިރު އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކްޝަން ޕްލޭނާއި ގުޅޭ ގޮތުން މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

3 ވަނަ ކުއާޓާގެ ބްރީފިން ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތަކާއި ކަމާއި ގުޅޭ އިދާރާތައް ހިމެނޭހެން ގާތްގަނޑަކަށް 180 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވި ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.