ތިމާވެށި

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް ފަށައިފި


ދިވެހިރާއްޖޭގެ ކަނޑުތަކާއި ފަރުތަކާއި ގުޅޭގޮތުން ކުރެވޭ ތަފާތު ދިރާސާތަކުގެ މަޢުލޫމާތު ބަދަލުކުރުމާއި މިފަދަ ދިރާސާތައް ކުރުމަށް ބާރުވެރިކުރުވާ ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް ފަށްޓަވައިފިއެވެ.

މި ސިމްޕޯޒިއަމް ކުރިއަށް ގެންދަވަނީ މެރިން ރިސަރޗް ސެންޓަރުން އިސްނަންގަވައިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި ޔޫ.އެސް އެއިޑާއި ޔޫއެންޑީޕީގެ އެހީތެރިކަމާއެކުއެވެ. ޤައުމީ ޔުނިވަރިސީޓީގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ސިމްޕޯޒިއަމް ބޭއްވެވުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ މާޙައުލާއި، ކަނޑުގެ ވަޞީލަތްތައްކާއި ގުޅޭ ގޮތުން ކުރެވޭ ތަފާތު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތު ރާއްޖޭގެ މެރިން ސައިންސްގެ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުގެ މެދުގައި ބަދަލުކުރުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާސާތައް ކުރުމުގައި ޙަރަކާތްތެރިވާ މިދާއިރާގެ ފަންނުވެރިން އެއްތަނަކުން ބައްދަލުވެ މަޢުލޫމާތު ބަދަލުކޮށް ގުޅުން ބަދަަހިކުރުމަށް މަގުފަހިކޮށްދިނުން ކަމަށް މެރިން ރިސަރޗް ސެންޓަރުން ވިދާޅުވެއެވެ.  

ސިމްޕޯޒިއަމް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެޗްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއެވެ. ސިމްޕޯޒިއަމް އިފްތިތާޙުކޮށްދެއްވާ ވާހަަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ ޝައިނީ ވިދާޅުވީ، ވޭތުވެދިޔަ ތިރީސް ދެ އަހަރު ދުވަހުގެ ތެރޭގައި މެރިން ސައިންސްގެ ދާއިރާއިން ފާހަގަކުރެވޭ ފަދަ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވިފައިވާ ކަމަށެވެ. ރާއްޖެއަކީ މެރިން އަދި ކްލައިމެޓް ރިސާރޗްތައް ހެދުމަށް އެންމެ ރަނގަޅު ޕްލެޓްފޯމް ކަަމަށާއި މިފަދަ ދިރާސާތަކަކީ ރާއްޖެއަށް މުހިންމު އަދި ބޭނުންތެރި ދިރާސާތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14775632091714.jpg|މެރިން ސައިންސް ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގައި މެރިން ރިސަރޗް ސެންޓަރުގެ ޑިރެކްޓަރ ޑރ. މުޙައްމަދު ޝިހާމް ޢާދަމް ދެއްކެވި ވާހަކަފުޅުގައި، މެރިން ސައެންސް ސިމްޕޯޒިއަމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިކަން އިތުރަށް ފުޅާކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ޑރ. ޝިހާމް ވިދާޅުވިއެވެ.

މެރިން ރިސަރޗް ސެންޓަރުން ވިދާޅުވީ، ސިމްޕޯޒިއަމަށް ހަތަރު ދާއިރާއަކުން ކަރުދާސް ހުށަހަޅާ ބައެއް ދިރާސާތަކާއި ގުޅޭ ޕޯސްޓަރު ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މެރިން ރިސަރޗް ސެންޓަރުން ކޮށްފައިވާ ތަފާތު ދިރާސާތަކާއި، ބައެއް ރިސޯޓުތަކާއި ތިމާވެށީގެ ކަންކަމާއި ގުޅުންހުރި ދިރާސާތައް ކުރަމުންދާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ބައެއް ތަޢުލީމީ މަރުކަޒުތަކުން ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް މެރިން ރިސަރޗް ސެންޓަރުން ވިދާޅުވެއެވެ.

މި ސިމްޕޯޒިއަމްގައި 80 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ސިމްޕޯޒިއަމްއެވެ.