ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި އިތުރު ފަނޑިޔާރުންނާއެކު އެ ދެކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ޖޭއެސްސީގެ ރައީސް މިހެން ވިދާޅުވީ، ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކް ވިދާޅުވީ، އެ ކޮމިޝަނުން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އިތުރު ކުރުމަށް ނިންމީ އެ ދެކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރުވެ، އެ ދެކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނާ ހަވާލުކުރަންޖެހޭ މައްސަލަތައް ގިނަވެ، އެކަށިގެންވާ އަވަސްމިނެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ދިމާވާތީ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް 1913 އައު މައްސަލަ ހުށަހަޅާފައިވާއިރު، އެއީ 17 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 18 މައްސަލަކަން ފާހަގަކުރެއްވިއެވެ.
ސިވިލް ކޯޓުގެ މައްސަލަތައް ލަސްވުމުގެ ޝަކުވާ ކޮމިޝަނަށް ލިބޭކަން ފާހަގަކުރައްވައި ހުސްނީ މުބާރިކް ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް ފަނޑިޔާރުންގެ އަދަދު 19 އަށް އިތުރު ކުރުމަށް ނިންމެވީ ކަމަށެވެ. އަދި އެ ކޯޓުގައި މިވަގުތު 3218 މައްސަލަ ނުނިމި އެބައޮތް ކަމަށާއި، އައު ފަނޑިޔާރުންނާއެކު މައްސަލަތައް ނިންމުން އަވަސް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށްވެސް 1098 މައްސަލަ ހުށަހަޅާފައިވާއިރު، މިއީ މިހާރު އެ ކޯޓުގައި ތިއްބެވި 13 ޤާޟީންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 15 މައްސަލަކަން ހުސްނީ މުބާރިކް ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ ކޯޓުގައި 1،626 މައްސަލަ ނުނިމި އެބައޮތް ކަމަށާއި އަލަށް އައްޔަން ކުރި ފަނޑިޔާރުންނާއެކު އެ ކޯޓުގެ މައްސަލަތަކަށްވެސް އަވަސް ހައްލެއް ލިބޭނެކަމަށް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރިފަހުން އެ ކޯޓުގެ މައްސަލަތައް ހަލުއިވިވެފައިވާކަންވެސް ހުސްނީ މުބާރިކް ފާހަގަކުރެއްވިއެވެ. އެގޮތުގައި ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންވެސް މަސައްކަތް ކުރައްވައި ރައްޔިތުންގެ މެދުގައި ޝަރުޢީ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
"ޝަރުޢީ ދާއިރާއިން ކޯޓުތަކުން ގިނަ މައްސަލަތަކެއް ނިންމައި ނަތީޖާތަކެއް ހާސިލުކުރޭ. އެހެންނަމަވެސް ޝަރުޢީ ދާއިރާއާމެދު އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ، ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުން. ވަކިން ޚާއްސަކޮށް 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކާއި 3 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައް އަވަސްގޮތެއްގައި ނިންމުން." ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކް ވިދާޅުވިއެވެ.
ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކް ވިދާޅުވީ، ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި އިންސާފު ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ޝަރުޢީ ދާއިރާގެ އަގު ވެއްޓޭނެ ކަމަށެވެ. އެހެންކަމުން މިއަހަރު ނިމެންވާއިރު ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންނެވިއެވެ.