ޚަބަރު

ޕީއެސްޖީން ސީޒަން ފަށަން ބޭނުންވަނީ ސުޕަރ ކަޕްގެ ތަށްޓާއެކު


  • ޔުއޭފާ ސުޕަރ ކަޕްގައި ޕީއެސްޖީ ބައްދަލު ކުރާނީ އެސްޓަން ވިލާ އާ

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖާމެއިން އައު ސީޒަން ފަށަށް ބޭނުންވަނީ ޔުއޭފާ ސުޕަރ ކަޕް ދިފާއު ކުރުމާއެކު ކަމަށް އެޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

އެންރީކޭ މިހެން ބުނެފައިވަނީ ޔުއޭފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަން ވިލާ އާއި ދެކޮޅަށް މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ސުޕަރ ކަޕް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އެންރީކޭ ބުނީ ވޯލްޑް ކަޕަށްފަހު ގިނަ ކުޅުންތެރިން ޓީމާއި ގުޅުން ލަސްވުމުގެ ސަބަބުން މާދަމާ ރޭގެ މެޗު އެހާ ރީތިނުވާނެކަމަށެވެ.

ޕީއެސްޖީއިން މިދިޔަ ސީޒަންގައި ފުރަތަމަ ފަހަރަށްވަނީ ސުޕަރ ކަޕް ކާމިޔާބު ކޮށްފައެވެ. އެއީ ޔޫރޮޕާ ލީގުގެ އެފަހަރުގެ ޗެމްޕިއަން އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ އާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މީގެ ތިން ހަފްތާ ކުރިން ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގައި ޕީއެސްޖީއަށް ނިސްބަތްވާ 15 ކުޅުންތެރިން ކުޅުނެވެ. މީގެތޭރެގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ސްޕެއިން ޓީމަށް ކުޅުނު ފަބިއަން ރުއިޒް ހިމެނުނު އިރު ސެމީ ފައިނަލަށް ދަތުރު ކުރި ފަރަންސޭސި ޓީމުގެ 5 ކުޅުންތެރިން ހިމެނުނެވެ.

އެންރީކޭ ބުނިގޮތުގައި މިމެޗު ކުޅުމުގެ ފުރުސަތު ލިބޭތީ އުފާކުރާ ކަމަށާއި މީގެ މާނައަކީ މިދިޔަ ސީޒަންގައި ރަނގަޅު ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވުން ކަމަށެވެ. ނަމަވެސް ތައްޔާރީތައް އެންމެ ރަނގަޅަށް ގޮސްފައިނުވާކަން އޭނާ ފާހަގަ ކުރިއެވެ. އެންރީކޭ ބުނީ އެޓީމަށް ކުޅޭ ބައިނަލްއަޤްވާމީ ކުޅުންތެރިން ޓީމާއި ގުޅިފައިވަނީ ވަރަށް ފަހުން ކަމަށެވެ. މިގޮތުން ފަރަންސޭސިވިލާތާއި ސްޕެއިން އަދި މޮރޮކޯގެ ކުޅުންތެރިން ޓީމާއި ގުޅިފައިވަނީ މިހަފްތާގެ ހޯމަ ދުވަހު ކަމަށެވެ. އަދި ބްރެޒިލް އާއި ޕޯޗުގަލްއަށް ނިސްބަތްވާ ކުޅުންތެރިން ޓީމާއި ގުޅިފައިވަނީ މީގެ ހަފްތާއެއް ކުރިން ކަމަށެވެ. އެހެން ކަމުން މިމެޗުގައި ޕީއެސްޖީގެ އެންމެ މޮޅު ކުޅުން ފެނިގެންދިއުން ވަރަށް ނާދިރު ކަމަށާއި ބައެއް ކުޅުންތެރިން އަދި ރަނގަޅަށް ފަރިތަކުރުންތަކުގައި ބައިވެރިވާންވެސް ނުފަށާ ކަމުގައި އެންރީކޭ ބުންޏެވެ.

ޔުއޭފާ ސުޕަރ ކަޕްގެ އިތުރުން ޕީއެސްޖީއިން މިއަންނަ އާދިއްތަ ދުވަހު ފްރެންޗް ސުޕަރ ކަޕް ދިފާއު ކުރުމަށް ލޯންސް އާއި ދެކޮޅަށް ނިކުންނާނެއެވެ. އެންރީކޭ ބުނީ ކުރިއަށް އޮތް ސީޒަނަށް އޭނާގެ ޓީމު ތައްޔާރު ކުރަމުންމިދަނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ. އަދި ބޭނުންވަނީ ސީޒަން ފަށާއިރަށްވުރެ ސީޒަން ނިމޭއިރު އެންމެ ވަރުގަދަކޮށް އޮތުމަށެވެ.

މިފަހަރުގެ ޔުއޭފާ ސުޕަރ ކަޕް ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރިއާގެ ސާލްޒްބާރގްގެ ރެޑް ބުލް އެރީނާގައެވެ. މިއީ އާރުބީ ސާލްޒްބާރގް ބޭނުންކުރާ ސްޓޭޑިއަމެވެ. އަދި މާދަމާ ރޭ ކުޅޭ މެޗަށް ހޯމް ޓީމުގެ ޖާގަ ލިބިފައިވަނީ އެސްޓަން ވިލާއަށެވެ. އެހެން ކަމުން ޕީއެސްޖީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެވޭ ޓީމަށް ކަނޑައަޅާފައިވާ ޗޭންޖިންގ ރޫމެވެ. ނަމަވެސް މިސްޓޭޑިއަމްގައި ހޯމް ޓީމުގެ ޗޭންޖިންގ ރޫމް އެވޭ ޗޭންޖިންގ ރޫމަށްވުރެ ބޮޑު ވުމުން އެކަމާއި ޕީއެސްޖީއިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާކަމަށް ބީބީސީއިން ހާމަކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ޔުއޭފާއިން ޕީއެސްޖީއަށް އިތުރު ޗޭންޖިންގ ރޫމެއް ދީފައިވާކަމަަށްވެއެވެ.