ޚަބަރު

ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ


  • ކުރިއަށްއޮތް 24 ގަޑިއިރު ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ހުކުރު ދުވަހާ ހަމައަށް ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި، ގުގުރުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 2-5 އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ހާފިޒް ވިދާޅުވީ، ހުކުރު ދުވަހާއި ހަމައަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ހުކުރު ދުވަހުގެ ފަހުން މޫސުން އަލިވާން ފަށާނެކަމަށް ވިދާޅުވިއެވެ.

"މިހާރު ބޮޑަށް ބެލެވެނީ ހުކުރުގެ ފަހުން މޫސުން އަލިވާންފަށާނެކަމަށް. އެއްކޮށް އަލިވެގެނެއް ނުދާނެ، ކޮންމެވެސް ވަރަކަށް ވާރޭވެހޭނެ." ހާފިޒް ވިދާޅުވިއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ސަރަޙައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.