ޚަބަރު

ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަންތައް ނިންމާލައިފި، ސެމީއަށް 379 ބައިވެރިން


  • މާލެއާއި އަތޮޅުތަކުގައި އޮޑިޝަންތައް ބޭއްވި

  • ސެމީ އަދި ފައިނަލް ބުރު އަންނަ މަހު

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް ނިންމާލައިފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މިހާރު ވަނީ އޮޑިޝަންގައި ބައިވެރިވި ކުދިންގެ ނަތީޖާ ޕޯޓަލަށް އަޕްލޯޑްކޮށްފައެވެ. ޕޯޓަލްއަށް ވަނުމަށްފަހު އެކުއްޖެއްގެ އައިޑީކާޑު ނަންބަރު ޖަހައިގެން ބަލާލެވޭނެއެވެ.

މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. އެހެން އަހަރުތަކާ ޚިލާފަށް އޮޑިޝަން ބުރުތަކެއް ކުރިއަށްގެންގޮސްފައިވާއިރު މާލޭގެ އިތުރުން 21 ރަށެއްގައި އޮޑިޝަންތައް ބާއްވާފައިވެއެވެ.

މި މުބާރާތުގެ އޮޑިޝަން ބުރުގައި 3050 ކުދިން ބައިވެރިވިއެވެ. އޭގެ ތެރެއިން އޮޑިޝަންގައި ކިޔަވާފައިވަނީ 2742 ކުދިންނެވެ.

އޮޑިޝަން ބުރަށްފަހު ސެމީ ފައިނަލް އަދި ފައިނަލް ބުރު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެބައިވެސް އަންނަ މަހުގެ 10 އާއި 19 ވަނަ ދުވަހާ ދެމެދުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 އިން މަތިން މާކްސް ހޯދި 379 ބައިވެރިއަކު ވަނީ ދަތުރުކޮށްފައެވެ.

މި މުބާރާތުގެ އުޞޫލުގައި ވާގޮތުން ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، %85އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަވާއިދަށް އަލަށް ގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު މަދުވެގެން އިންނާނެއެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން 1ވަނަ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެދުމަށާއި، ޤައުމީ މުބާރާތަށް ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.