ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއިން މިސީޒަންގައި އެޓީމަށް ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެޓްލެޓިކޯ މެޑްރިޑަށް ކުޅޭ އާޖެންޓީނާގެ ބައިނަލްއަޤްވާމީ ފޯވަޑް ހޫލިއަން އަލްވަރޭޒް ނުލިބޭނަމަ އެޓީމުގެ އަމާޒު އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާންގެ ފޯވަޑް ލައުޓާރޯ މާޓިނޭޒްއަށް އެނބުރި ދާނެކަމަށް ސްޕެއިންގެ މީޑިއާތަކުން ހާމަކުރަން ފަށައިފިއެވެ.
މަޢުލުމާތުލިބޭގޮތުގައި ބާސާގެ އަމާޒު އަދިވެސް ހުރީ އަލްވަރޭޒް އެޓީމަށް ގެނެވޭތޯ މަސައްކަތް ކުރާށެވެ. ނަމަވެސް އެޓްލެޓިކޯގެ ވާހަކަ ހުރިގޮތުން އެޓީމު މިކަމަށް އެއްބަސްކުރުވަން އުނދަގޫ ތަކެެއް ހުރިކަން ބާސާއަށް އެނގެއެވެ. އަދި ނިމިގެންދިޔަ ސީޒަނާއެކު އެޓީމުގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ޓީމު ދޫކޮށް ގޮސްފައިވުމުގެ އިތުރުން ފެރާން ޓޯރޭޒް އެޓީމު ދޫކޮށް ދިއުމުގެ ފުރުސަތު ބޮޑު ކަމުން ބާސާއަށް ވީހާވެސް އަވަހަކަށް ފޯވަޑެއް ހޯދުން ވަރަށް މުހިންމެވެ.
ބާސާގެ ވިސްނުން މިހާރު ހުރީ އަލްވަރޭޒް ހޯދުމަށް ކުރާ މަސައްކަތް މިހަފްތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްފަހު އެކަމަށް ކުރިއެރުމެއް ނުލިބޭނަމަ ދެވަނަ ވިސްނުމަކަށް ދިއުމަށެވެ. ސްޕެއިންގެ މިޑިއާ ތަކުން ހަބަރު ދޭ ގޮތުގައި އަލްވަރޭޒް މިހަފްތާގައި އެޓްލެޓިކޯގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާއިރު އޭނާ ބާސާ އާއި ގުޅެން ބޭނުންވާކަން ކޯޗު ޑިއޭގޯ ސިމިއޯނީ އާއި މެނޭޖްމަންޓްގައި ބުނާނެކަމަށްވެއެވެ. ނަމަވެސް އެޓްލެޓިކޯއިން ވަރަށް ސާފުކޮށްވަނީ މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި އަލްވަރޭޒް ވިއްކާ ނުލާނެކަމަށް ބުނެފައެވެ.
ބާސާއިން އަލްވަރޭޒް ހޯދުމަށް ކުރާ މަސައްކަތް ނާކާމިޔާބު ވެއްޖެނަމަ އެޓީމުގެ ވިސްނުން ދެން ހުރީ އިންޓަރއަށް ކުޅޭ އާޖެންޓީނާގެ ބައިނަލްއަޤްވާމީ ފޯވަޑް ލައުޓާރޯ އެޓީމަށް ގެނެވޭތޯ މަސައްކަތް ކުރުމަށެވެ. އުމުރުން 29 އަހަރުގެ ލައުޓާރޯއަކީ އިންޓަރގައި ވަރަށް މޮޅު ކުޅުމެއް ދައްކަމުންދާ އެޓީމުގެ ކެޕްޓަންއެވެ. އިންޓަރ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2029 ވަނަ އަހަރު ކަމުން ލައުޓަރޯ ހޯދުންވެސް ވެގެންދާނީ ބާސާއަށް ވަރަށް އުނދަގޫ ކަމަކަށެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދާނީ ސީޒަން ފެށެން ގާތްވެފައިވަނިކޮށް ޓީމުގެ އެންމެ މުހިނންމު އެއް ކުޅުންތެރިޔާ ދޫކޮށްލަން ޖެހުމެވެ. ޓްރާންސްފަރ މާކެޓްގައި ލައުޓާރޯގެ އަގު އުޅެނީ 85 މިލިއަން ޔޫރޯގައެވެ.