ޚަބަރު

ޔޫކްރެއިނުން ރަޝިޔާއަށް އަމާޒުކޮށް ފޮނުވާލި 450 އަށްވުރެ ގިނަ ޑްރޯން ވައްޓާލައިފި


ރަޝިޔާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ޔޫކްރެއިނުން ރޭ ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި، އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުން 456 ޑްރޯން ވައްޓާލާފައިވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ރޭގެ އެކި ވަގުތުތަކުގައި ޔޫކްރޭނުން ދިން މި ހަމަލާތަކުގައި ބައެއް އާންމުން މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ބުނީމި ޑްރޯންތައް ވައްޓާލާފައިވަނީ، ރަޝިޔާގެ 15 ސަރަޙައްދަކާއި ކްރައިމިއާގެ ވައިގެ ސަރަޙައްދުގެ ތެރެއިންނެވެ. މި ހަމަލާތައް އެންމެ ބޮޑަށް އަމާޒުވި އެއް ސަރަޙައްދަކީ ޔޫކްރެއިނާ 1,600 ކިލޯމީޓަރު ދުރުގައި އޮންނަ، ރަޝިޔާގެ މެދުތެރޭގެ ސިނާޢީ ސަރަޙައްދެއް ކަމަށްވާ ތަތަރިސްތާނެވެ.

ތަތަރިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އެ ސަރަޙައްދުގެ ނީޒްނެކަމްސްކް ކިޔާ ސިނާޢީ ރަށަކަށް ދިން ހަމަލާތަކުގައި ބައެއް މީހުން ވަނީ މަރުވެފައެވެ.

"މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސިނާޢީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް،" އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވިއެވެ.

މީގެ އިތުރުން، ޔޫކްރޭނާ އިންވެގެން އޮންނަ ބެލްގޮރޮޑް ސަރަޙައްދުގެ ގެއަކަށް ދިން ހަމަލާއެއްގައި އަންހެނަކު މަރުވެފައިވާ ކަމަށްވެސް އެ ސަރަޙައްދުގެ ރިޕޯޓުތައް ބުނެއެވެ.

ފާއިތުވި މަސްތަކުގައި ޔޫކްރޭނުން ވަނީ ރަޝިޔާގެ އެތެރޭގެ މުހިންމު ބިނާތަކަށާއި، ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ އިތުރުން އަސްކަރީ ވައިގެ ބަނދަރުތަކަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރަޝިޔާގެ އަސްކަރީ ޤާބިލުކަމަށް ބުރޫއަރުވައިގެން، ހަނގުރާމައިގެ ކުރީ ސަފުގައި ތިބި ސިފައިންނަށް ބޭނުންވާ ތެލާއި ހަތިޔާރު ފޯރުކޮށްދިނުމަށް ހުރަސްއެޅުމެވެ.

ޚާއްޞަކޮށް ތަތަރިސްތާން ފަދަ ސަރަޙައްދުތަކަކީ ރަޝިޔާގެ އަސްކަރީ ޑްރޯންތަކާއި އިލެކްޓްރޯނިކްސް އުފައްދާ މުހިންމު މަރުކަޒުތަކަށް ވުމުން، އެ ސަރަޙައްދުތަކަށް ދޭ ހަމަލާތަކުގެ ނުރައްކާ ބޮޑެވެ.

ޔޫކްރެއިނުން ރަޝިޔާއަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެއްޖެ

ރަޝިޔާއިން ޔޫކްރެއިންގެ ރޭގެ އެކި ވަގުތުތަކުގައި ދިން ހަމަލާތައް ދިފާޢު ކުރިފަހުން މިއަދުގެ ވަގުތެއްގައި ޔޫކްރެއިނުން ވަނީ އަނެއްކާވެސް ވަރުގަދަ ޑްރޯން ހަމަލާތަކެއް ރަޝިޔާގެ ތަތަރިސްތާނަށް އަމާޒުކޮށްފައެވެ.

ރަޝިޔާގެ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ތަތަރިސްތާނަށް ޔޫކްރެއިނުން މިއަދު ދިން ނުރައްކާތެރި ޑްރޯން ހަމަލާގައި މަދުވެގެން 12 މީހުން މަރުވެއްޖެއެވެ. މިއީ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގައި، ޔޫކްރޭނުން ރަޝިޔާއަށް އަމާޒުކޮށް ދިން އެންމެ ގެއްލުން ބޮޑު އެއް ހަމަލާ ކަމަށް ފާހަގަކުރެވެއެވެ.

ތަތަރިސްތާނުގެ ނިޒްނެކަމްސްކް ސިޓީއަށް ދިން މި ހަމަލާއާ ގުޅޭގޮތުން އެ ސަރަޙައްދުގެ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލިބިފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މި ހަމަލާގައި 12 މީހުން މަރުވެ، އިތުރު 39 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ތަތަރިސްތާނުގެ ވެރިޔާ ރުސްތަމް މިނިޚަނޯވް އެ ސަރަޙައްދުގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ މުއްދަތެއް އިޢުލާނު ކުރައްވާފައިވާ ކަމަށް ނިޒްނެކަމްސްކްގެ މޭޔަރު ރަދްމިރް ބެލްޔައޭވް ވަނީ ހާމަކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ ހަނގުރާމައަށް ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ސުލްޙައިގެ މަޝްވަރާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޔޫކްރޭނުން އެދެނީ ރަޝިޔާ ސިފައިން އެ ޤައުމުގެ ބިންތަކުން ފޭބުމަށެވެ. ނަމަވެސް، ރަޝިޔާއިން ބުނަމުންދަނީ މިހާރު ހިފާފައިވާ ޔޫކްރޭނުގެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.

ހަނގުރާމައިގެ މައިދާނުގައި ކުރިއެރުމެއް ނުލިބޭތީ، ދެފަރާތުންވެސް މިހާރު ބޮޑަށް އިސްކަންދެމުންދަނީ ދުރު ހިސާބުތަކަށް ދެމުންދާ ވައިގެ ހަމަލާތައް ވަރުގަދަކުރުމަށެވެ. މީގެ ސަބަބުން ދެ ޤައުމުގެ އާންމުންނަށް ލިބޭ ގެއްލުންތަކާއި މަރުވާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ.