މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރެވޭނެކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިޤްތިޞާދުގެ ދެފަރާތް" ނަމުގައި ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަފުޅޫދައްކަވަމުންނެވެ. ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރުމަށް މަސައްކަތްކުރާ މި އެއްބަސްވުމުގެ 'ޓާމްސް އޮފް ރިފަރެންސް' ޓީއޯއާރްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަށް އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށާއި، ޑިޖިޓަލް އިޤްތިޞާދުގެ ތެރެއަށް ރާއްޖެ ވެއްދުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން ދުނިޔޭގެ ނަންމަޝްހޫރު ޕްލެޓްފޯމްތަކާއެކު ގުޅުން ބަދަލުކުރަން ފަށާފައިވާކަމަށާއި، 'އޮތެންޓިކް މޯލްޑިވްސް' މެދުވެރިކޮށް އަލީބާބާ ފަދަ ވަސީލަތްތަކުގައި 400 އަށްވުރެ ގިނަ ދިވެހި ވިޔަފާރިވެރިން މިހާރު ލިސްޓުކޮށްފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިންޑިއާއާއެކު ކުރިއަށްދާ ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރީޓީގެ އެންމެ މުހިންމު ބޭނުމަކީ ދިވެހި ޒުވާނުންގެ އުފެއްދުންތަކަށް އިންޑިއާގެ ބޮޑު މާކެޓުން ފުރުޞަތު ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އިންޑިއާއަކީ އައިޓީއާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޤައުމަކަށްވާއިރު ސޮފްޓްވެއަރއާއި އެޕްލިކޭޝަން އުފައްދާ ދިވެހި ޒުވާނުންނަށް އެ ޤައުމުން ބޮޑެތި ފުރުޞަތުތަކެއް އޮތްކަން ސައީދު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ޔޫޕީއައިގެ ޚިދުމަތް ފަށާފައިވާކަމަށެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ އިޤްތިޞާދުތަކުގައި ބޭނުންކުރާ ނިޒާމެއްކަން ފާހަގަކުރައްވައި މިއަހަރު ނިމުމުގެ ކުރިން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ގިނަ ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
"އަޅުގަނޑުމެން މި ޤަބޫލްކުރަނީ މިއަހަރު ނިމޭއިރު އިންޑިއާއާއެކު މިނިވަން ފިޔަފާރީގެ އެއްބަސްވުމުގެ ތެރެއަށް ވަދެވޭނެކަމަށް. އެހެންވީމައި އިންޓަރގްރޭޑް ވެގެން މާކެޓުތަކުގެ ތެރެއަަށް ދިވެހިން ވެއްދުން، ވައްދާއިރު އެމާކެޓުތައް ދަނޭ، އަޅުގަނޑުމެންގެ މާކެޓައް އެބޭފުޅުން އެދޭ ހުރިހާ ބެނިފިޓެއްގެ ބާރު މިނުގައި އަޅުގަނޑުމެން ދީފިނަމަ ، އަޅުގަނޑުމެންގެ މާކެޓު ހަނިވީމަ. އެއީސަސްޓޭނަބަލް ގޮތެއްގައި ނުވާނެ. އެބެލެންސާއެކު މިގެންދަނީ" ވަޒީރު ޞައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިހާރުވެސް އެކި އެއްބަސްވުމުގެ ތެރެއިން ރާއްޖޭގެ އެކި ރިސޯޓްތައް ތަރައްޤީކުރުމުގެ 10 ބިލިޔަން ރުފިޔާގެ އެކި މަޝްރޫއުތައް ކުރިއަށް ދާކަމަށެވެ.
އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޤްޞަދަކީ ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ޤާއިމުކުރުމެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރުވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށާއި، މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އިންޑިއާ-ރާއްޖެ އެފްޓީއޭގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ޗައިނާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަމަލުކުރަން ފަށާފައެވެ. އަދި ތުރުކީއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް ނުވަތަ ވަކި ބާވަތްތަކުން ލުއި ލިބޭ އެއްބަސްވުމަށް ވެސް މިމަހުގެ 1ގައި ވަނީ އަމަލުކުރަން ފަށާފައެވެ.