ޚަބަރު

"ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު 3 ގުނަ އުފުލުނު"


  • މިހާރު ހަނގުރާމައަށް ހާއްސަ ވަކި އިންޝުއަރެންސެއް ނަގަން ޖެހޭ

  • ތެޔޮ ގެންނަން ބޯޓެއް ޗާޓާ ކުރާނަމަ އެކަމުގެ ޚަރަދުވެސް ބޮޑުވެއްޖެ

ރާއްޖެއިން އެތެރެކުރާ ތެލުގެ އަގު ބޮޑުވެގެން ދިޔައިރު 3 ގުނައަށް އަގު އުފުލިގެން ދިޔަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ. "އިޤްތިޞާދުގެ ދެފަރާތް" ނަމުގައި ކުރިއަށްގެންދިޔަ ފޯރަމުގައި އެސްޓީއޯއިން ވަނީ ރާއްޖެ އެތެރެކުރާ މުދަލުގެ އަގު އުފުލުމުގެ ސަބަބުތަކަށް އަލިއަޅުވާލައްވާފައެވެ.

އިޤްތިޞާދުގެ ދެފަރާތް ފޯރަމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ މުދަލުގެ އަގުތައް އުފުލުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ފްރައިޓުގެ އަގު ނުވަތަ މުދާ އުފުލުމަށް ކުރާ ޚަރަދު އިތުރުވުންކަމަށެވެ. މިކަން އެކުންފުނީގެ ދަށުން ހިިންގާ އެމްއެސްއެސްގެ އޮޕަރޭޝަންތަކުން ފެނިގެންދާކަމަށް ވިދާޅުވިއެވެ. އެމްއެސްއެސްއިން ދަނީ ކޮލަމްބޯ އާއި ރާއްޖެއާއި ދެމެދު ފީޑަރ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ އެންމެ ގިނައިން އެތެރެކުރާނީ ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިންނެވެ. އެސްޓީއޯއިން ދިވެހިރާއްޖެއަށް ތެޔޮ އެތެރެކުރަނީ، އޮމާނުންނެވެ. ޝިމާދް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ފްރައިޓުގެ އަގުތަކަށް އައި ބަދަލުގެ ތެރޭގައިން ބޯޓުތަކުގެ އިންޝުއަރެންސްއަށް ވެސް ބޮޑު ބަދަލެއްއައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޮމާނުން ރާއްޖެއަށް ތެޔޮ އެތެރެކުރާ ބަނދަރަކީ ހަނގުރާމައިގެ ސަރަހައްދުގައި އޮންނަ ބަނދަރެއް ނޫން ކަމަށްވިޔަސް އެ ސަރަހައްދުން ތެޔޮ ގެންނަ ނަމަ "ވާ ރިސްކް" އިންޝުއަރެންސް ނަމުގައި ވަކި އިންޝުއަރެންސެއް ނަގަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި ޖެހެނީ ވަރ ރިސްކް އިންޝުއަރެންސެއް ނަގަން ވޯ ރިސްކް އިންޝުއަރެންސް. އެކަމަކު ޕޮލިސީ ވިއްކަނީ އެންމެ މަދުވެގެން ހަފްތާއަކަށް. އެކަމަކު އޮމާން އާއެކު ޓްރާންސެކްޝަން ހިންގާތީ ހަފްތާއަކަށް ބޭނުން ނުވޭ އެކަމަކު ނަގަން ޖެހޭ. އެކޯސްޓްވެސް އިތުރެވޭ." ޝިމާދު ވިދާޅުވިއެވެ.

މިފަދަ އެކި ސަބަބުތަކާއެކު ތެލުގެ އަގު، ބޮޑުތަނުން އުފުލިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މޭއި އަދި ޖޫން މަހު ތެލުގެ އަގު އެންމެ ބޮޑަށް އުފުލިގެން ދިޔަ ވަގުތު، ތެލުގެ އަގު 3 ގުނަ އިތުރުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަންކަމުގެ ތެރެއިން އެކުންފުންޏަށް ތެލުގެ އަގު މެނޭޖްކުރުމުގައި އެންމެ ބޮޑު ލުޔެއް ލިބިގެން ދިޔައީ އަމިއްލަ 2 ބޯޓުގައި ތެޔޮ ގެނައުމަށް ބޭނުން ކުރަން ލިބިގެން ދިއުމުންކަން ޝިމާދު ފާހަގަކުރެއްވިއެވެ. އެގޮތުން ދެވަނަ ބޯޓު ލިބިފައިވަނީ ކުރިން ކުރެވުނު މަސައްކަތްތަކުގެ ހަނގުރާމައިގެ ދުވަސްކޮޅެއް ކުރިންކަމަށް ޝިމާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް ބޯޓެއް ޗާޓާ ކުރާނަމަ އެކަމުގެވެސް އަގު އުފުލިފައިވާކަން އަގުތަކަށް އައި ބަދަލުން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެން ބަލާލީން ޗާޓާ ކުރާނަމަ ވާނެ ގޮތް. ކުރިން އަޅުގަނޑުމެން 600،000 ޑޮލަރަށް ޗާޓާ ކުރާ ބޯޓު މިހާރު 950،000 ޑޮލަރަށް އިތުރުވެއްޖެ. މިއީ ދިވެހިރާއްޖެ އުފެދޭ ކޯސްޓެއް ނޫން. އެފްއޯބީ ކޯސްޓާއި ޝިޕިން ކޯސްޓް އަދި އިންޝުއަރެންސް ކޯސްޓު އިތުރުވެގެން އަންނަ މިންވަރު ފާހަގަކޮށްލަން ޖެހޭ. އެކޯސްޓްތައް ބެއަރ ކުރަން،" ޝިމާދު ވިދާޅުވިއެވެ.

ތެލުގެ އަގު އެތައް ގުނައަކުން އުފުލިގެން ދިޔައިރު ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް މިކަމުގެ ދަތިތަކާއި ވަނީ ކުރިމަތިވެފައެވެ. އެސްޓީއޯއިން ފާހަގަކުރި ގޮތުގައި އަވަށްޓެރި ބައެއް ޤައުމުތައް ހިމެނޭހެން ބައެއް ޤައުމުތަކުގައި ތެޔޮ ވަކި މިންވަރަކަށް ލިމިޓްކޮށްގެން ވިއްކަަން ޖެހުނު ހާލަތައް ދިޔަނަމަވެސް ސަރުކާރުގެ ސިޔާސަތުތަކާއެކު މިފަދަ ހާލަތަކަށް ނުދާކަމަށެވެ.