ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅުގެ ގުރޫޕު އޭ އިން ސެމީ ފައިނަލުގެ ޖާގަތައް، އޭދަފުއްޓާއި ގޮއިދޫއިން ހޯދައިފިއެވެ.
މުބާރާތުގެ ބ. އަތޮޅުގެ ބުރުގައި ދެ ގުރޫޕެއްގައި ޖުމްލަ ހަ ޓީމު ވާދަކުރާއިރު، އެ ހަ ޓީމު ދެ ގުރޫޕަކަށް ވަނީ ބަހާލާފައެވެ.
ގްރޫޕް އޭ އިން ސެމީގެ ދެ ޖާގަ އޭދަފުއްޓާއި ގޮއިދޫއަށް ކަށަވަރުވީ މި ގުރޫޕުގައި ކުޅުނު ފަހު މެޗުގައި މާޅޮހުގެ މައްޗަށް 0-3ގެ ނަތީޖާއަކުން ގޮއިދޫއިން ކުރިހޯދުމުންނެވެ. މި މެޗު ދެ ލަނޑުގެ ތަފާތަކުން މާޅޮސް ބަލިވި ނަމަވެސް އެ ޓީމަށް ސެމީގެ ޖާގައެއް ލިބެން އޮތެވެ.
އޭދަފުށީ ފުޓްސަލް ދަނޑުގައި ފެނިގެންދިޔަ ގްރޫޕް އޭގެ ފަހު މެޗުގައި މާޅޮހުގެ މައްޗަށް ގޮއިދޫއިން ކުރިހޯދިއިރު މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 18ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އޮބެއިދާ ޚާދިމްއެވެ.
ގޮއިދޫން މެޗުގައި ޖެހި ބާކީ ދެ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 12ވަނަ މިނެޓުގައި ހަސަން ޝާމް ގޮއިދޫގެ ލީޑު ފުޅާކޮށްދިންިއިރު އެ ޓީމުގެ ތިންވަނަ ލަނޑު އަދި ސެމީގެ ޖާގައެއް އެ ޓީމަށް ކަށަވަރުކޮށްދިން ލަނޑު 14ވަނަ މިނެޓުގައި ޖަހައިދިނީ މުޙައްމަދު ޝުއާއުއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫގެ ޝާމްއެވެ.
މި މެޗަށްފަހު މި ގުރޫޕުގެ ޕޮއިންޓު ތާވަލު އެތުރިފައިވާ ގޮތަށް ބަލާއިރު އެއްވަނައިގައި އޮތް އޭދަފުއްޓާއި ދެވަނައިގައި އޮތް ގޮއިދޫއަށް ލިބިފައިވާ ޕޮއިންޓާއި، ގޯލު ތަފާތާއި ޖެހި ލަނޑު އަދި ބައިކޮޅަށް ވަން ލަނޑުގެ އަދަދުވެސް ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މި ގުރޫޕުގެ އެއްވަނަ ކަނޑައެޅީ މި ދެ ޓީމު ބައްދަލުކުރި މެޗުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. އޭދަފުށިން ވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ގޮއިދޫ އަތުން 1-4އިން މޮޅުވެފައެވެ.
މި ގުރޫޕުގެ ތިންވަނައިގެ ގޮތުގައި މުބާރާތާ ވަކިވި މާޅޮސް ވެސް، ޕޮއިންޓުގެ ގޮތުންނާއި ގޯލުގެ ތަފާތުން ވަނީ އެއްވަރުވެފައެވެ. މާޅޮހަށް ކުރި ނުލިބުނީ ޖެހި ލަނޑުންނެވެ.
ބ. އަތޮޅު އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ސެމީގެ ދެ ޖާގަ އޭދަފުއްޓާއި ގޮއިދޫއިން ހޯދިއިރު، ސެމީގެ އަނެއް ދެ ޖާގަ ކަށަވަރުވާނީ އެ އަތޮޅުގެ ގްރޫޕް ބީގައި މިރޭ ފެހެންދޫއާއި ދޮންފަނު ބައްދަލުކުރާ މެޗަށްފަހުއެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ދޮންފަނަށް ސެމީގެ ޖާގައެއް ލިބޭނެއެވެ. އެއް ލަނޑުގެ ތަފާތަކުން މޮޅުވެގެން، ފެހެންދޫއަށް ވެސް ސެމީގެ ޖާގައެއް ހޯދޭނެއެވެ. އެ މެޗުން ފެހެންދޫ 0-3ގެ ނަތީޖާއަކުން މޮޅުވެއްޖެނަމަ ސެމީގެ ޖާގަ ލިބޭނީ ފެހެންދޫއާއި ތުޅާދޫއަށެވެ.