އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ފިހާރަތަކަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
"އަގުމަގު" ޕޯޓަލްގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމެއެވެ. މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީ އަގުތައް އެއްތަނަކުން ފޯރުކޮށްދެވޭނެއެވެ. ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބެލޭނެ "އަގުމަގު" ޕޯޓަލް ލޯންޗުކޮށްފައިވަނީ 28 ފެބުރުވަރީ 2025 ގައެވެ.
މި ޕޯޓަލް މެދުވެރިކޮށް ފެންނަނީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތަކެވެ. ނަމަވެސް މިހާރު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އަގުމަގު އެޕް ތަޢާރަފްކޮށްފައެވެ. މީގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުރިހާ ފިހާރަތަކަށް ހުޅުވާލެވިފައި.
— Ministry of Economic Development,Transport & Trade (@MoEDmv) August 10, 2026
ކިޔުއާރު ކޯޑު ސްކޭންކޮށްލައްވައިގެން ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް އަވަހަށް އަގުމަގު ޕޯޓަލްގައި ރަޖިސްޓްރީ ކޮށްލައްވާ!https://t.co/Wv8No13pT7 pic.twitter.com/MWEFbkY95s
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުރިހާ ފިހާރަތަކަށް ހުޅުވާލެވިފައިކަމަށެވެ. މި ޕޯޓަލްގައި ރަޖިސްޓްރީވުމުން ރާއްޖޭގެ ހުރިހާ ރަށަކުން ވިޔަފާރިކުރާ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރައިގައި ހުރި މުދަލުގެ އަގުތަކާއި ސޮޓޮކާއި ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ ޕޯޓަލްއަށް ރަޖިސްޓްރީވުމަށް ކިޔުއާރު ކޯޑު ސްކޭންކޮށްލައްވައިގެން ނުވަތަ agumagu.trade.gov.mv މި ލިންކު މެދުވެރިކޮށް ޕޯޓަލްގައި ރަޖިސްޓްރީ ވެވޭނެކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށެވެ. ބާޒާރުގައި ތަކެތީގެ އަގުތައް ފެންނަން ހުންނާނެ އަގުމަގު އެޕް ތައާރަފްކޮށްފައިވާއިރު މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެއެވެ.
އެގޮތުން ގަންނަ ތަކެތި ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ އަގުތައް ބަލާލެވޭނެއެވެ. އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖްކޮށް އަގު އަދި އެންމެ ބޮޑު އަގުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައްވެސް ބަލައިލެވޭނެވޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ