ޚަބަރު

ނެޓުބޯޅަ ޗެމްޕިއަންޝިޕް: މެލޭޝިއާ އަތުން ވެސް ރާއްޖެއަށް ނާކާމިޔާބީ


  • މެޗުން ރާއްޖެ ބަލިވީ 32-78އިން

  • ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ވެސް ރާއްޖެވީ ބަލި

ހޮންގް ކޮންގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި، މެލޭޝިއާ އަތުން ވެސް ބަލިވެއްޖެއެވެ.

މުބާރާތުގެ ފުރަތަަމަ މެޗުގައި ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށް ކުޅެ ބަލިވީ 19-81 އިންނެވެ.

ދެވަނަ މެޗުގައި މެލޭޝިއާ އާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 32-78އިންނެވެ.

މެޗުގެ ފުރަތަމަ ކުއާޓަރުތައް ދިޔަގޮތަށް ބަލާލާއިރު ފުރަތަމަ ކުއާޓަރުގައި މެލޭޝިއާ 8-18 އިންނެވެ. ދެވަނަ ކުއާޓަރު 6-23 އިން މެލޭޝިއާއިން ގެންދިޔައިރު ތިންވަނަ ކުއާޓަރު އެ ޓީމުން ކާމިޔާބުކުރީ 8-20 އިންނެވެ. އަދި ފަހު ކުއާޓަރުގައި މެލޭޝިއާ މޮޅުވީ 10-17 އިންނެވެ.

މެލޭޝިއާ އަކީ އޭޝިއާ ސަރަހައްދުގެ ނެޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. މި ސަރަހައްދުގައި ނެޓްބޯޅައިގެ އެންމެ ވަރުގަދަ ތިން ޓީމުގެ ގޮތުގައި ފާހަގަކުރެވެނީ ރާއްޖެއިން ފުރަތަމަ މެޗުގައި ދެކޮޅަށް ކުޅެން ޖެހުނު ސިންގަޕޫރާއި ދެވަނަ މެޗުގައި ވާދަކުރި މެލޭޝިއާގެ އިތުރުން ސްރީލަންކާއެވެ.

މި ތިން ޓީމަކީ 1985ވަނަ އަހަރު ބޭއްވި އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ފުރަތަަމަ މުބާރާތުން ފެށިގެން ގަވައިދުން، މުބާރާތުގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ޓީމެވެ.

މިހާރު ކުރިއަށްދާ 14 ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވިއިރު ތިންވަނަ މެޗުގައި ކުޅޭނީ އިންޑިއާ އާ ދެކޮޅަށެވެ.

އަދި ހަތަރުވަނަ މެޗުގައި ހޮންގް ކޮންގާ ދެކޮޅަށް 11 ވަނަ ދުވަހުގެ 16:00 ގައި ނުކުންނައިރު ފަސްވަނަ މެޗުގައި 12 ވަނަ ދުވަހުގެ 15:00 ގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

މި މުބާރާތް ވެގެންދާނީ ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމަށް، ބައިނަލްއަޤްވާމީ ތަޖުރިބާއާއި ކާމިޔާބީ އަދި ކުރިއެރުން ހޯދުމަށް ރަނގަޅު ފުރުސަތަކަށެވެ.

ޖެހިޖެހިގެން ފަސް ދުވަހު، ފަސް މެޗު ކުޅެން ޤައުމީ ޓީމުން ޖެހޭއިރު، ރާއްޖެއިން މުބާރާތުގައި ވާދަކުރަން މި ޖެހެނީ އޭޝިއާ ސަރަހައްދުގައި ނެޓްބޯޅައިގެ ވަރުގަދަ ބާރުތަކަކާއެވެ.

ރައުންޑް ރޮބިން އުސޫލުން ލީގު ފޯމެޓަށް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް މެޗުތައް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމެއް ސެމީ ފައިނަލުގައި ކުޅޭނެއެވެ. ރާއްޖެއާއި މި ފަސް ޓީމު ހިމެނެނީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ "ކަޕް ޑިވިޝަން" ގައެވެ.