ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާ ކަމަށާއި ގިނައީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތައްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މައްސަލަތަކަކީ، އެންޓި ސްކޭމް ސެންޓަރު ހުޅުވި ފަހުން މިހާތަނަށް ރިކޯޑް ކޮށްފައިވާ މައްސަލަތައް ކަމަށް ފުލުހުން ވިދާޅުވިއެވެ. ސްކޭމް މައްސަލަތައް ރިޕޯޓް ކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފައިވަނީ، މިދިޔަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.
ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާއިރު، މިއީ ހަމައެކަނި ތަފާސްހިސާބުގެ ނަންބަރުތަކެއް ނޫންކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއީ މުޖުތަމައުގެ 3،000 އާއިލާއަކާއި، ކުދި ވިޔަފާރިވެރިންގެ އިތުރުން އާންމު ފަރުދުން ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތުން އެއްކުރި ފައިސާ، މަކަރާއި ހީލަތުގެ ދަލުގައި ޖެހި ބޭކާރުވެގެންދިޔަ ހިތާމަވެރި ހާދިސާތަކެއް ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި 3،000 މައްސަލައިގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ (35,144,703.32 ރ) ވަނީ ގެއްލިފައެވެ. މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ، 13 މިލިއަނަށްވުރެ ގިނަ ރުފިޔާ (13,296,072.51 ރ)އެވެ. މި މައްސަލަތަކުގެ ތެރެއިން، ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ، 1,196 މައްސަލައެއްގައެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވެއެވެ.
ފުލުހުން ވިދާޅުވީ، މިއީ ފައިސާ ގެއްލުމަށްފަހު އެ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމާއި، ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލި ދިއުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކުގައި ކަމަށެވެ. މިފަދަ 1,478 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި 439 މައްސަލަ ހިމެނެއެވެ.
މިފަދަ އޮޅުވާލުންތައް އާންމުކޮށް ހިންގަނީ، ކޮންމެ ދުވަހަކު އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ އަދި މުވާސަލާތީ މަންސަތައް މެދުވެރިކޮށެވެ. މައްސަލަތައް ރިޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައިން ފާހަގަވެފައިވަނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތަކެވެ. މީގެ 1,093 މައްސަލަ ހުށަހަޅާފައިވާއިރު، ވައިބަރ މެދުވެރިކޮށް ހިންގާފައިވާ ސްކޭމްގެ 911 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެއިތުރުން ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ހިނގާފައިވެއެވެ.
ފުލުހުން ވަނީ އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ، ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުދެކުމަށާއި ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ވިސްނާލުމަށް އެދިފައެވެ. އަދި މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީން ކުރުމަށާއި، އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
މީގެއިތުރުން އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށާއި ޝައްކު އުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ، ކަމާބެހޭ އިދާރާއަކަށް ލަސްނުކޮށް ހިއްސާކުރުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.