ޚަބަރު

އާސެނަލް އާއި އެމިރޭޓްސްގެ ސްޕޮންސަރޝިޕް 2033 އާ ހަމައަށް


  • އާސެނަލް އާއި އެމިރޭޓްސްގެ ޕާޓްނަރޝިޕް ފެށޭނީ 2006 ވަނަ އަހަރު

އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލް އާއި އެކްލަބްގެ މައި ސްޕޮންސަރުން ކަމަށްވާ އެމިރޭޓްސް އާއި ދެމެދުގައިވާ އެއްބަސްވުން 2033 ވަނަ އަހަރާއި ހަމައަށް ދިގުކޮށް އާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާސެނަލްގެ އެންމެ މުހިއްމު ސްޕޮންސަރުންގެ ހައިސިއްޔަތުން އެމިރޭޓްސްއިން އެޓީމުގެ މެޗު ޖަރޒީގެ އިތުރުން ޓްރެއިނިންގ ކިޓްގެ މައި ސްޕޮންސަރުންގެ ގޮތުގައި ދެމި ހުންނާނެއެވެ. އަދި އޭގެއިތުރުން އެމިރޭޓްސް ސްޓޭޑިއަމްގެ ނަމުގެ ރައިޓްސްވެސް އޮންނާނީ އެމިރޭޓްސްގެ އަތުގައެވެ.

އާސެނަލް އާއި އެމިރޭޓްސްގެ މެދުގައި މި އާ އެއްބަސްވުމަށް އާދެވިފައިމިވަނީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރުމާއި އެކުއެވެ. އާސެނަލްއިން ބޭނުންވަނީ އެޓީމުން ދަނޑުމަތީގައި ހޯދަމުންދާ ކާމިޔާބީ އާ އެއްވަރަށް ދަނޑުން ބޭރުގައި ކުލަބަށް ލިބޭ ފައިދާވެސް އެއް ހަމައެއްގާ ފައިތިލަ ސާބިތުކުރުމެވެ.

އާސެނަލްގެ ޗީފް އެގްޒެކެޓިވް ރިޗަޑް ގާލިކް ބުނީ ޕްރިމިއަރ ލީގު ކާމިޔާބު ކުރެވުމަކީ ކްލަބްގެ ތާރީހްގައި ވަރަށް ޝަރަފްވެރި ކަމެއް ކަމަށެވެ. މިކާމިޔާބީ އާސެނަލް އާއި ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ނިސްބަތްވާކަމަށް އޭނާ ހާމަކުރިއެވެ. އަދި އާސެނަލްގެ މިކާމިޔާބީގައި އެމިރޭޓްސްއަކީ އަބަދުވެސް ވަރަށް މުހިިންމު ދައުރެއް އަދާކޮށްފައިވާ ފަރާތެއް ކަމުގައިވެސް އާސެނަލްގެ ޗީފްއެގްޒެކެޓިވް ބުންޏެވެ.

އާސެނަލް އާއި އެމިރޭޓްސްގެ ޕާޓްނަރޝިޕް ފެށިގެން ގޮސްފައިވަނީ 2006 ވަނަ އަހަރު އާސެނަލްއިން އެޓީމުން ކުރިން ބޭނުން ކުރަމުންދިޔަ ސްޓޭޑިއަމް ކަމަށްވާ ހައިބަރީ ސްޓޭޑިއަމުން އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވި ހިސާބުންނެވެ. އަދި މިއާ އެއްބަސްވުމުގެ ދަށުން މިިދެ ފަރާތުގެ މެދުގައި މިއޮތް ގުޅުން 27 އަހަރަށް ދެމިގެންދާނެކަން މިވަނީ ޔަގީން ވެފައެވެ. މިޕާޓްނަރޝިޕްގެ ދަށުން އާސެނަލް އިން އަންނަނީ 2007 ވަނަ އަހަރުން ފެށިގެން އެމިރޭޓްސް ކަޕް ޕްރީސީޒަން މުބާރާތް ބާއްވަމުންނެވެ. މި މުބާރާތުގެ ދަށުން މިމަހުގެ 9 ވަނަ ދުވަހު އާސެނަލް އިން ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑާ ބައްދަލުކުރާނެއެވެ.

އެމިރޭޓްސްގެ ރައީސް ސަރ ޓިމް ކްލާކް ބުނީ ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެމިރޭޓްސް އާއި އާސެނަލްއިން މިވަނީ ވިޔަފާރީގެ އެއްބަސްވުމަކަށް ވުރެ ގާތް ގުޅުމެއް ގާތް ކޮށްފަ ކަމަށެވެ. އަދި މިކަން ހާސިލް ކުރެވުނީތީ ވަރަށް ފަހުރުވެރިވާކަމަށްވެސް އޭނާ ބުންޏެވެ.