ޚަބަރު

މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރަން ހުޅުމާލޭގައި ރޯޑްޝޯއެއް


  • ހުޅުމާލޭގެ 15 ސަރަޙައްދެއްގައި މިހަރަކާތް ކުރިއަށްގެންދިޔަ

  • ޓްރެފިކާގުޅޭ މަޢުލޫމާތުތައް ދީފައިވޭ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ޚާއްޞަ ރޯޑްޝޯއެއް ކުރިއަށްގެންގޮސްފިއެވެ. މި ހަރަކާތަކީ ޓްރެފިކް ގަވާއިދުތަކަށް އާންމުން އަހުލުވެރިކުރުވައި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި ހިންގި ހަރަކާތެކެވެ.

މި ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ހެޑް އޮފް ހުޅުމާލެ ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، ފުލުހުންގެ ޒިންމާއަކީ ހަމައެކަނި ގަވާއިދު ތަންފީޒުކުރުން ނޫން ކަމަށާއި، އާންމުން ހޭލުންތެރިކުރުވުމަކީވެސް ފުލުހުންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މިއީ މިކަމަށް ބާރުއަޅާ ހަރަކާތެއް ކަމަށް އާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މިހިންގާ ހަރަކާތަކީ މި ދެންނެވިގޮތަށް ހުޅުމާލޭ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށްޓަކައި ހިންގޭ އިވެންޓެއް. އަޅުގަނޑުގެ އިލްތިމާސްއަކީ ދުއްވާ މީހުންނާއި ހިންގާ މީހުންވެސް ޓްރެފިކް ގަވައިދަށް ހުރުމަތްތެރިކޮށް ހިތާ ބޯލަނބައިގެން ގަވަައިދުތަކާއި އެއްގޮތަށް އެންމެންވެސް އަ،ަލުކުރަމުން ގެންދިއުން." އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އިލްތިމާސްކުރެއްވީ ދުއްވާ މީހުންނާއި ހިނގާ މީހުންވެސް ޓްރެފިކް ގަވާއިދުތަކަށް ބޯލަނބައި، އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއްކަން އާސިމް ފާހަގަކުރެއްވިއެވެ.

މި ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ ހިމެނޭހެން ޖުމްލަ 15 ސަރަހައްދެއްގައި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ގިނައިން މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބޯޑުތައް ބަހައްޓައިގެން މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަން ދިނުމަށް ބާރުއަޅާ މެސެޖުތައް ވަނީ ފޯރުކޮށްދީފައެވެ.

މި ރޯޑްޝޯގެ ތެރެއިން ޚާއްސަ ސަމާލުކަމެއް ދީފައިވަނީ ރައުންޑަބައުޓްތަކުގައި އުޅަނދުތައް ދުއްވަންވީ ގޮތާއި، މަގު ބަދަލުކުރާއިރު ނުވަތަ އަނބުރާލާއިރު ސިގްނަލް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވުމުން ހުޅުމާލޭ އަދި މުޅި މާލެ ސަރަޙައްދުގައިވެސް ހިނގާ އެކްސިޑެންޓުތަކުގެ އަދަދު މަދުވާނެ ކަމަށް ފުލުހުން އުންމީދު ކުރެއެވެ.