ޚަބަރު

ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އަޅަނީ


  • ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު

  • މާލެއާއި އަތޮޅުތަކުގައިވެސް ގިނަ މަޝްރޫޢުތަކެއް

ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އެޅުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަންނަނީ ހުޅުމާލެއާއި ވިލިމާލެގައި ހައުސިން ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ތަރައްޤީ ކުރާ ޖުމްލަ 3,260 ފްލެޓާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި ތަރައްޤީ ކުރާ 1،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ބީއެމްއެލްއިން އަޅާ ހައުސިން ޔުނިޓްގެ އަދަދު 4000އަށް އިތުރުކުރުމަކީ އަމާޒެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ބީއެމްއެލްއިން ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއްގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި މިހާރު ހަވާލުކޮށްފައިވާ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ އިތުރުންވެސް އެ މޮޑެލްއަށް އިތުރު ބިންތަކެއް ހަވާލުކޮށް ކޮންޓްރޯލް އަގެއްގައި ފްލެޓްތައް ވިއްކުމަށް ފުރުޞަތު ދޭނެކަމަަށެވެ.

ވަޒީރު ވިދާޅުވީ ލޯނުގެ އެހީގައި ގުޅީފަޅުގައިވެސް 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓްގެ އެޅުމަށްޓަކައިވެސް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ދައުރު ނިމެންވާއިރަށް މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ތަސައްލީއެއް ހޯދައިދެވޭނެ." ނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދާއިރު މި ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަނެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ. ފްލެޓަށް އެދި އެކަނިވެސް 35،930 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 އެޕްލިކޭޝަނެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ އެޕްލިކޭޝަން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފްލެޓް ލިބޭ މީހުން ކަނޑައަޅައި މި އަހަރުގެ ތެރޭގައި އެކަން އެންގުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު އެކި މަރުހަލާގައި އެކި މަސައްކަތް މާލެ ސަރަޙައްދާއި އަތޮޅުތަކުގެ ރަށްރަށުގައިވެސް އަންނަނީ ކުރަމުންނެވެ. މާލެ ސަރަޙައްދުގައި ތަރައްޤީ ކުރާ ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާރޓްމަންޓުތަކެކެވެ. އަތޮޅުތަކުގައި ކުރިއަށްދާ މަޝްރޫޢުތަކަށް ބަލާއިރު ބީއެމްއެލްގެ ފައިނޭންސްގެ ތެރެއިން ރާއްޖޭގެ 13 ރަށެއްގައި ހައުސިން މަޝްރޫޢުތައް ހިންގަން ހަވާލުކޮށްފައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު އެކި ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައިގެން މިހާރު ކުރިއަށް ގެންދާއިރު އައު ފައިނޭންސިން މޮޑެލްތަކާއެކު އިތުރު ހައުސިން މަޝްރޫޢުތަކުގެ މަސައްކަތްވެސް ހިމެނެއެވެ. އަތޮޅުތަކުގައި ހައުސިންގެ އެންމެ ބޮޑު މަޝްރޫޢެއް ހިންގަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ސިޓީގައި 2000 ހައުސިން ޔުނިޓްގެ މަސައްކަތުގެ އިތުރަށް ހުއްޓިފައި އޮތް 400 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން 13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކުން އަންނަނީ ހޯދަމުންނެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުން އިންޖިނިއަރިންގް، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން މެތަޑަށެވެ. މި މަޝްރޫއަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުންނެވެ.

ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހޭނެއެވެ. މި މަޝްރޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި އެތަންތަނުގައި ޕާކް ކުރެވޭނެ އިންތިޒާމްތަކާއި އިމާރާތުގެ އެންމެ ތިރީގައި ވިޔަފާރީގެ ބޭނުންމަށް ޖާގަ ހަދަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ގޯއްޗާއި ގެދޮރުގެ ވަޢުދުތައް ފުއްދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހައުސިންގެ ދާއިރާ އިތުރަށް ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެކަމުގެ އުންމީދު އޮތްކަމަށާއި އެ ދާއިރާއިން އިތުރު ފުރުސަތުތައް އާއްމުންނަށް ހުޅުވާދިނުމަށް މަސައްކަތްކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.