މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ހަވަނަ ސިމްޕޯސިއަމް، ކާމިޔާބުކަމާއިއެކު މިއަދު ނިންމާލައިފިއެވެ.
މި ސިމްޕޯސިއަމް ކުރިއަށް ދިޔައީ މި މަހުގެ 4 އިން 5 އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސިމްޕޯޒިއަމްގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރަމުންދާ ދިރާސަތަކާއި އެ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާއި ހިއްސާކޮށް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރާއްޖޭގައި މެރިން ސައިންސްގެ ދާއިރާ ކުރިއެރުވުން ކަމަށެވެ.
މިއީ މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ސިމްޕޯސިއަމްކަން ފާހަގަކުރައްވާ، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް މި ސިމްޕޯސިއަމްގެ ބޭނުމެއްކަމަަށް ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިސިމްޕޯސިއަމްގައި ޖުމްލަ 47 ދިރާސާއެއް ހުށަހަޅަފައިވެއެވެ. މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެއެވެ. މި ފިހަރުގެ ސިމްޕޯޒިއަމްއަށް ހުށަހެޅި ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިފައިވަނީ 5 ދާއިރާއަކަށެވެ. މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައްވެސް ހުށަހަޅާފައިވެއެވެ.
ކަރުދާސްތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ދާއިރާތައް:
* ކޮރަލް ރީފްސް، ރެސްޓޯރޭޝަން އެންޑް ކްލައިމެޓް ޗޭންޖް
* ފިޝަރީޒް، ގަވަރނަންސް އެން ސޮސައިޓީ
* ސީ ޓާޓަލްސް އިކޮލޮޖީ، ހެލްތް އެންޑް ކޮންޒަރވޭޝަން
* ޝާކްސް، ރޭސް އެންޑް އަދަރ މެރިން މެގަފައުނާ
* ކޯސްޓަލް އިކޯސިސްޓަމްސް އެންޑް ސީބާރޑްސް
މެރިން ސިމްޕޯޒިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މިސިމްޕޯޒިއަމްއަކީ މެރިން ރިސަރޗް ދާއިރާގައި ހަރަކާތްތެރިވާ ސައިންސްވެރިންގެ މެދުގައި މަޤުބޫލު ސިމްޕޯޒިއަމްއެކެވެ. މެރިން ރިސަރޗް އިންސްޓިޓިއުޓްއިން އެންމެ ފުރަތަމަ ރާއްޖޭގައި މި ސިމްޕޯޒިއަމް ބާއްވާފައިވަނީ 2016ވަނަ އަހަރުގައެވެ.