ޚަބަރު

ބަރޭސީގެ ޖަނާޒާއަށް ގިނަ ބަޔަކު މިލާންގެ މަގުތަކަށް


  • ބަރޭސީގެ ޖަނާޒާގައި ކުރިން މިލާންއަށް ކުޅެފައިވާ ގިނަ ތަރިން ބައިވެރިވި

އިޓަލީވިލާތުގެ ކުރީގެ ތަޖްރިބާކާރު ޑިފެންޑަރ ފްރެންކޯ ބަރޭސީގެ ޖަނާޒާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު މިލާންގެ މަގުތަކަށް އެއްވެއްޖެއެވެ.

އުމުރުން 66 އަހަރުގެ ބަރޭސީ މަރުވެފައިވަނީ ގިނަ ދުވަސް ތަކެއްވަންދެން ބަލިވެއުޅުމަށްފަހު ނިމިގެންދިޔަ ހަފްތާގެ ތެރޭގައެވެ. މިއަދު ބޭއްވި މިޖަނާޒާގައި މިލާންއިން ވިދާލި ކުރީގެ ގިނަ ތަރިން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ޕައުލޯ މަލްޑީނީ، މާކޯ ވެން ބަސްޓެން، ކްލަރެން ސީޑޯފް، ރޮބާޓޯ ބާޖިއޯ، ސެބަސްޓިއާނޯ ރޯސީ، ރޮބާޓޯ ޑޮނަޑޯނީ، އެލެސަންޑްރޯ ކޮސްޓަކޫޓާ، ޑެމެޓްރިއޯ އަލްބަޓީނީ މައުރޯ ޓަސޯޓީ، ޑީޑާ، ޑަނިއެލް މަސާރޯ އަދި ޑެޔާން ސެވިސެވިޗް ހިމެނުނެވެ. މީގެއިތުރުން މިލާންގެ މޭޔަރ ގުއިސެއްޕޭ ސަލާ، ތަޖްރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީ އަދި އޭސީ މިލާންގެ ޗެއަރމަން ޕައުލޯ ސްކަރޯނީވެސް ބައިވެރިވެފައިވެއެވެ.

މިލާންގެ މިހާރުގެ ޓީމު އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީ ސީޒަން ޓުއަރއެއްގައި އޮސްޓްރޭލިއާއަށް ގޮސްފައިވުމުން ޓީމުގެ މިހާރުގެ ގިނަ ކުޅުންތެރިންނަށް ބައިވެރިނުވެވުނު ނަމަވެސް ޓީމާއި އަދި ގުޅިފައިނުވާ ބައެއް ކުޅުންތެރިން ކަމަށްވާ ކްރިސްޓިއަން ޕުލިސިޗް އާއި ސަންޓިއާގޯ ގިމެނޭޒް މިޖަނާޒާގައި ބައިވެރިވިއެވެ. މަޢުލޫމާތުލިބޭގޮތުގައި މިލާން އާއި އިންޓަރ މިލާންގެ މެދުގައި މާދަމާ މެންދުރު ފަހު ކުޅުމަށް ހަމަޖެހިފައިވާ ރަހްމަތެރިކަމުގެ މެޗު ފެށުމުގެ ކުރިން ބަރޭސީއަށް އިހްތިރާމް އަދާކުރުން އޮންނާނެކަމަށްވެއެވެ.

ގިނަ ބަޔަކު ގަބޫލްކުރާގޮތުގައި ބަރޭސީއަކީ ދުނިޔެދުށް އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި އޭނާގެ 20 އަހަރުވީ ކްލަބް ކެރިއަރ ބަރޭސީ ހޭދަކޮށްފައިވަނީ އޭސީ މިލާންގައެވެ. ބަރޭސީވަނީ މިލާންގެ ކެޕްޓަންކަން 15 ސީޒަންގައި ކޮށްފައެވެ. އަދި 719 މެޗު އެޓީމަށް ކުޅެދިން އިރު 33 ލަނޑު ޖަހައިދީފައިވެއެވެ.

ބަރޭސީވަނީ މިލާން އާއެކު 18 ތަށި ކާމިޔާބު ކޮށްފައެވެ. އޭގެތެރޭގައި އިޓާލިއަން ސެރީއާގެ 6 ފަހަރު، ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި 3 ފަހަރު، އިޓާލިއަން ސުޕަރ ކަޕްގެ ތަށި 4 ފަހަރު، ޔުއެފާގެ ސުޕަރ ކަޕް 3 ފަހަރު އަދި ކްލަބް ވޯލްޑް ކަޕް 2 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. މިލާނުންވަނީ 2020 ވަނަ އަހަރު އެކްލަބްގެ އޮނަރަރީ ޕްރެޒިޑެންޓްގެ މަގާމުވެސް ބަރޭސީއަށް އަރުވާފައެވެ. އަދި ބަރޭސީ ކުޅުން ހުއްޓާލުމާއެކު އޭނާ ބޭނުންކުރި 6 ނަމްބަރު ޖަރޒީވެސް މިލާނުންވަނީ ރިޓަޔަރ ކޮށްފައެވެ.

އިޓަލީވިލާތުގެ ޤައުމީ ޓީމަށް 81 މެޗު ކުޅެދީފައިވާ ބަރޭސީ ވަނީ 1982 ވަނަ އަހަރު އިޓަލީވިލާތާއި އެކު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އަދި 1994 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި އިޓަލީވިލާތުގެ ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީވެސް ބަރޭސީއެވެ. ބަރޭސީއަކީ މިލާންގެ ސަޕޯޓަރުނާއި އިޓަލީވިލާތުގެ ރައްޔިތުންގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ފަރާތެކެވެ.