ދިވެހިން އެކި ބޭނުންތަކުގައި އެންމެ ގިނައިން ދަތުރުކުރާ އެއް ޤައުމަކީ އަވަށްޓެރި އިންޑިޔާއެވެ. ދިވެހި އާއިލާތައް ބޭސްފަރުވާއަށް ކެރެލާ ނުވަތަ ޓެމިލް ނާޑޫއަށް ދަތުރުކުރާއިރު، މިވަގުތުވެސް އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލްކުރާ ދިވެހިން މަދެއް ނޫނެވެ. އަދި ލޯންގް ޓާމް ވިސާގައި އުޅޭ މީހުންވެސް އެ ޤައުމުގައި މަދެއް ނޫނެވެ. އެހެންނަމަވެސް މިހާތަނަށް މިފަދަ ފަރާތްތަކަށް ފައިސާ ފޮނުވުމަކީ ރެމިޓެންސް ކައުންޓަރުތަކާއި، ސަރވިސް ފީތަކާއި، އަދި ގަޑިއިރުތަކަކުން ފެށިގެން ދުވަސްތަކަކަށް ދެމިގެންދާ އިންތިޒާރުގެ ތެރޭގައި އުޅެންޖެހޭ ތަކުލީފު ބޮޑު ކަމެކެވެ.
މީގެ ކޮންމެ ގޮތަކީވެސް ފީތަކާއި، ލަސްވުންތަކާއި އަދި ގިނަ ލިޔެކިޔުންތަކެއް އެކުލެވިގެންވާ ކަންކަމެވެ. އެހެންނަމަވެސް މިދިޔަ މަހުގެ 30ވަނަ ދުވަހު މަރުކަޒީ ބޭންކު އެމްއެމްއޭއިން ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ކަމަށްވާ "ފަވަރަ"، އިންޑިޔާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" ޔޫޕީއައިއާ ގުޅާލުމާއެކު މި ހުރަސްތައް މިވަނީ ކުޑަކުރެވިގެންގޮސްފައެވެ. އަދި މިހާރު ރާއްޖޭގައި ހުރި ކޮންމެ ރައްޔިތަކަށްމެ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މިހާރު ބޭނުންކުރާ ބޭންކިން އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.
ފަވަރަ އަދި ޔޫޕީއައި މެދުވެރިކޮށް ފައިސާ ފޮނުވުމުގެ މުއާމަލާތް ހިނގަނީ މައިގަނޑު ދެ މަރުހަލާއެއް ކަނޑަތުކުރުމަށްފަހުގައެވެ. އެއީ ވެރިފިކޭޝަން އަދި ސެޓްލްމަންޓް މަރުހަލާއެވެ. މި މަރުހަލާތައް ހިނގާނީ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ.
ފުރަތަމަ މަރުހަލާގައި ފައިސާ ފޮނުވާ ފަރާތުން، ބީއެމްއެލް ނުވަތަ އެމްއައިބީގެ މޯބައިލް ބޭންކިންގ ނުވަތަ އިންޓަރނެޓް ބޭންކިންގ އެޕް މެދުވެރިކޮށް، ފައިސާ ލިބޭ ފަރާތުގެ ޔޫޕީއައިއާ ގުޅިފައިވާ އެކައުންޓުގެ މައުލޫމާތު ހިމެނޭނެއެވެ. މި މައުލޫމާތު ފަވަރަ މެދުވެރިކޮށް ޔޫޕީއައި ނިޒާމަށް ފޮނުވުމުން، އެ ނިޒާމުގެ ފްރޯޑް އަދި ސެންކްޝަންސް ސްކްރީނިންގް މަރުހަލާތައް ފުރިހަމަކުރާނެއެވެ. ފައިސާ ފޮނުވުމުގެ ކުރިން، އެކައުންޓްގެ ވެރިފަރާތުގެ ނަން ޔޫޕީއައިއިން ކަށަވަރުކޮށްދީ ފޮނުވާ ފަރާތުގެ އެޕަށް ދައްކާނެއެވެ. މިއީ ދުނިޔޭގެ ރިއަލް-ޓައިމް ޕޭމަންޓް ނިޒާމުތަކުގައި އާންމުކޮށް ބޭނުންކުރާ "ނޭމް ޗެކް" އުސޫލެވެ. މީގެ ބޭނުމަކީ އޮޅިގެން ނުވަތަ މަކަރާއި ހީލަތުން ނުބައި ފަރާތަކަށް ފައިސާ ފޮނުވުން ހުއްޓުވުމެވެ.
މި ނިޒާމު މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހުއްދަ ދިނުމުގެ ކުރިން ތިން ކަމެއް ކަސްޓަމަރަށް ފެންނަން ހުންނާނެއެވެ. އެއީ ފައިސާ ލިބޭ ފަރާތުގެ ނަމާއި، އެ ވަގުތުގެ އެކްސްޗޭންޖް ރޭޓް، އަދި ބޭންކުން ނަގާ ފީއެވެ. ކަސްޓަމަރު މިކަންކަން ކަށަވަރުކުރުމުން، ބޭންކުން އެ ފަރާތުގެ ރުފިޔާ ނުވަތަ ޑޮލަރު އެކައުންޓުން ފައިސާ އުނިކޮށް، އިންޑިއަން ރުޕީސްއަށް ބަދަލުކުރުމަށްފަހު، ފަވަރަ މެދުވެރިކޮށް ޔޫޕީއައިއަށް ފޮނުވައި، ލިބޭ ފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭނެއެވެ. މި ނިޒާމުގައި ބައިވެރިވާ ރާއްޖޭގެ ބޭންކުތަކުން އިންޑިއާގެ ކޮރެސްޕޮންޑެންޓް ބޭންކުތަކުގައި ކުރިއާލާ ފައިސާ ބަހައްޓާފައި ހުންނާތީ، "ބެޗް ކްލިއަރިންގ"އަށް މަޑުކުރަން ނުޖެހި ވަގުތުން ފައިސާ ޖަމާވެއެވެ.
މިހާރު ފަށާފައިވާ ފުރަތަމަ މަރުހަލާގައި ހިމެނެނީ ހަމައެކަނި ޕާސަން ޓު ޕާސަން މުއާމަލާތްތަކެވެ. މީގެ ތެރޭގައި ތަޢުލީމާއި، ބޭސްފަރުވާ އަދި އާއިލާއަށް އެހީވުމަށް ފޮނުވާ ފައިސާ ހިމެނެއެވެ. މިގޮތުން ކޮންމެ ބޭންކަކުން މަހަކު ގާތްގަނޑަކަށް 24,000 އިންޑީޔަން ރުޕީސް ނުވަތަ ގާތްގަނޑަކަށް 250 ޑޮލަރު ފޮނުވޭނެއެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައި އިންޑިޔާގައި ދަތުރުކުރާ ދިވެހިންނަށް، އެ ޤައުމުގެ އެތައް މިލިޔަން ބަޔަކު ޔޫޕީއައި ބޭނުންކުރާ ފަދައިން، ފިހާރަތަކާއި ރެސްޓޯރަންޓުތަކުގެ ކިއު.އާރް ކޯޑު ސްކޭންކޮށްގެން ސީދާ ފައިސާ ދެއްކޭނެ "މާޗަންޓް ކިއު.އާރް ޕޭމަންޓްސް" ތަޢާރަފުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ފަވަރަ އަދި ޔޫޕީއައި ގުޅާލުމަކީ އޭގެ ސަބަބުން ދިވެހިންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. މި ނިޒާމުގެ ދަށުން ބެންގަލޫރު ނުވަތަ އިންޑިއާގެ ކޮންމެ ތަނެއްގައި ކިޔަވަން ހުރި ދަރިފުޅުގެ ޚަރަދުތަކަށް ފައިސާ ފޮނުވުމަކީ، ރާއްޖޭގައި ހުރެ ބިލަކަށް ފައިސާ ދައްކާލާހާ ފަސޭހައިން ކޮށްލެވޭ ކަމަކަށް މިވަނީ ވެފައެވެ. ބޭސްފަރުވާގެ ކަންކަމުގައި ގިނަފަހަރަށް ކުއްލިއަކަށް ފައިސާ ބޭނުންވާއިރު، ވަގުތުން ފައިސާ ލިބޭ މި ނިޒާމުގެ ސަބަބުން، ކުރިން ފައިސާ ލިބެންދެން ކުރަންޖެހޭ ހާސްކަން ބޮޑު އިންތިޒާރު ނިމުމަކަށް އާދެއެވެ.
ޓެކްނޮލޮޖީއަށް އަހުލުވެރި ނޫން ފަރާތްތަކަށްވެސް މި ނިޒާމަކީ ވަރަށް ބޮޑު ލުޔެކެވެ. މި ޚިދުމަތް ހިމަނާފައިވަނީ ދިވެހިން މިހާރުވެސް ކޮންމެ ދުވަހަކު ބޭނުންކުރާ ބޭންކިން އެޕްތަކުގެ ތެރޭގައެވެ. މީގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް އައު ޕްލެޓްފޯމްތަކަށް ނުގޮސް ފަސޭހައިން މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.
ރައްކާތެރިކަމުގެ ގޮތުން ބަލާއިރު، ކޮންމެ ޓްރާންސްފާއެއްވެސް ފްރޯޑް ނުވަތަ މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރިސްކަށް ޗެކްކުރެވުމާއި، ފައިސާ ފޮނުވުމުގެ ކުރިން ލިބޭ މީހާގެ އައިޑެންޓިޓީ ކަށަވަރުކުރެވޭތީ، ނުބައި އެކައުންޓަކަށް ފައިސާ ފޮނުވުމުގެ ބިރު ކުޑަވެގެންދެއެވެ.