އާ ސީޒަނަށް ހުރިހާ ތައްޓެއް ހޯދުމަށް ނިއުރޭޑިއަންޓުން ނުކުތުން އެއީ ކޯޗެއްގެ ގޮތުގައި ޕްރެޝަރެއް ކަމަށާއި، އެކަމަކު މި ޗެލެންޖު ނެގޭނެ ކަމުގެ ޔަގީނަކަން އެބައޮތް ކަމަށް ނިއުރޭޑިއަންޓްގެ ކޯޗު ފްރެންސިސްކޯ މެނުއަލް ޕަލްމޭރޯ ކަރެންޒޯސް ބުނެފިއެވެ.
ނިއުރޭޑިއަންޓް ވަނީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީގައި މާޒިޔާ އަތުން ބަލިވެފައެވެ. އެކަމަކު ސީޒަނުގެ ފުރަތަމަ މުބާރާތް ކަޕް ވިނާސް ކަޕުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބްގެ އަތުން 5-0 ގެ ނަތީޖާއަކުން ނިއު މޮޅުވެފައިވެއެވެ.
މި މޮޅަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ނިއުގެ ކޯޗު ޕަލްމޭރޯ ބުނީ، މި މެޗުގައި ނިއުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި މެޗާއެކު ދެން ފޯކަސް ހުރީ ކުރިއަށް އޮތް ދެ މެޗަށް ކަމަށާއި، މި މެޗަށްވުރެ އެ ދެމެޗު އުނދަގޫވާނެ ކަމަށެވެ.
މެޗުގައި ލިބުނު ކާމިޔާބީއާއެކު ހިތްހަމަ ޖެހިފައި ހުރި ޕަލްމޭރޯ ބުނީ ނިއުގެ މިފަހަރުގެ ޓާގެޓަކީ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން ކަމަށެވެ. އަދި އެއީ ކޯޗެއްގެ ގޮތުގައި ޕްރެޝަރެއް ކަމަށާއި، އެކަމަކު އެ ޕްރެޝަރާއެކު އެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕަލްމޭރޯ ފާހަގަކުރިއެވެ.
"ޗެއާމަންގެ އަމާޒަކީ އެއީ. މިއީ އާންމު ކަމެއް. ނިއުރޭޑިއަންޓަކީ ބޮޑު ކްލަބެއް. އެހެންވެ ޓާގެޓްތައް ބޮޑުވާނެ. އަހަންނަށް ވިސްނޭ ގޮތުގައި ހުރިހާ މުބާރާތެއް ކާމިޔާބުކުރުން އެއީ ދުރު ކަމެއް. އެކަމަކު އަހަރެން މަސައްކަތް ކުރާނަން މި ޕްރެޝަރާއެކު އެ ކާމިޔާބީ ހާސިލްކުރަން." ޕަލްމޭރޯ ފާހަގަކުރިއެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނިއުއިން ނުކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.