ސްޕެއިންގެ އިޙްތިޞާޞް ހިނގާ ސެއުޓާ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް އެތެރެވާން އުޅުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ޢަދަދު 72 އަށް އަރާފައިވާ ކަމަށް ރަސްމީ އިދާރާތަކުން ހާމަކޮށްފިއެވެ.
އުތުރު އެފްރިކާގެ އައްސޭރިފަށުން އިތުރު ފަސް މީހެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން، މަރުވި މީހުންގެ ޢަދަދު ވަނީ ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެފައެވެ.
ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، ޔޫރަޕިއަން ޔޫނިއަންއާއި އެފްރިކާ ބައްރު ގުޅުވައިދޭ މައިގަނޑު އެއް ސަރަޙައްދު ކަމަށްވާ ސެއުތާއަށް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެއްގަމާއި ކަނޑުމަގުން 50,000 އަށްވުރެ ގިނަ މީހުން ވަނީ ޤަވާޢިދާ ޚިލާފަށް އެތެރެވެފައެވެ.
ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، މީގެ ތެރެއިން 48,000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ އަނބުރާ މޮރޮކޯއަށް ފޮނުވާލާފައެވެ.
ސެއުތާގައި ހުންނަވާ ސްޕެއިން ސަރުކާރުގެ މަންދޫބު މިގޭލް އޭންޖެލް ޕެރޭޒް ވިދާޅުވީ، މަރުވި މީހުންގެ އިތުރުން 1,000އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ސިއްޙީ ފަރުވާ ދީފައިވާ ކަމަށެވެ. މި ޙާދިސާގައި ގިނަ މީހުން މަރުވެފައިވަނީ ގެނބިގެންނާއި، ސަރަޙައްދީ ރޮނގު ވަކިކުރަން ޖަހާފައިވާ ފެންސުތަކުގެ މަތިން އަރަން އުޅުމުގެ ތެރޭގައި ފިތި ބާރުވެގެންނެވެ.
މިކަމާ ގުޅިގެން މޮރޮކޯގެ ދާޚިލީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، މި ހިތާމަވެރި ޙާދިސާ ހިނގަން މެދުވެރިވީ ސޯޝަލް މީޑިއާގައި ފެތުރުނު ދޮގު މަޢުލޫމާތާއި، އިންސާނީ ވަގުފާރިކުރާ ގްރޫޕްތަކުގެ މަޅީގައި މީހުން ޖެހުމުން ކަމަށެވެ.
ނަމަވެސް، މަރުވި މީހުންގެ ޢަދަދާ މެދު މޮރޮކޯއާއި ސްޕެއިންގެ ތަފާސްހިސާބުތަކުގައި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ.
ސެއުތާގެ އިސްވެރިޔާ ހުއާން ހޭސޫސް ވިވާސް ވިދާޅުވި ގޮތުގައި، މިހާތަނަށް 88 މީހެއްގެ ހަށިގަނޑު މޯޗަރީއަށް ގެނެވިފައިވެއެވެ.
ސަރަޙައްދީ ރޮނގު ކައިރީގައި ރައްކާތެރިކަން ވަރުގަދަކުރުމުގެ ގޮތުން ސެއުތާގެ އައްސޭރިފަށުގައި މިހާރު ވަނީ 500 މީޓަރުގެ "ފްލޯޓިންގ ބެރިއަރ" އެއް ހަރުކޮށްފައެވެ. އަދި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ ސަރަޙައްދީ ރޮނގު ބެލެހެއްޓުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެގޮތުން އިޓަލީވިލާތުން ވަނީ ސްޕެއިންއާއެކު އޮންނަ ވިސާއާ ނުލާ އެތެރެވެވޭ "ޝެންގެން" އެއްބަސްވުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ސްޕެއިންގެ ސަރުކާރުން ބުނެފައިވަނީ، ޤަވާޢިދާ ޚިލާފަށް އެތެރެވާ މީހުންނަށް އެޤައުމުގެ މައި ސަރަޙައްދަށް ނުވަތަ ވިލާތުގެ އެހެން ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށެވެ.