ޚަބަރު

ޕާކިސްތާނުގެ ފުލުހުންގެ މަރުކަޒަކަށް ދިން ހަމަލާގައި 14 މީހުން މަރުވެއްޖެ


ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރް ޕަޚްތުންޚާ ޕްރޮވިންސުގެ ފުލުހުންގެ މަރުކަޒެއް ކައިރީގައި ދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި ބޮން ގޮއްވައިލާފައި ވަނީ އެ ޕްރޮވިންސުގެ ސުވާތު ޑިސްޓްރިކްޓްގައި ހިމެނޭ ކަބަލް ސަރަޙައްދުގެ ފުލުހުންގެ މަރުކަޒެއްގެ ބޭރުގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ ފަސް އޮފިޝަލުންނާއި ޢާންމުންގެ އަށް މީހުން ހިމެނޭ ކަމުގައި، އެ ސަަރަޙައްދުގެ ފުލުހުންގެ އޮފިޝަލެއް ކަމުގައިވާ ފިދާ ޙުސައިން ވިދާޅުވިއެވެ. މަރުވި 14 ވަނަ މީހާއަކީ ބޮން ގޮއްވައިލި މީހާއެވެ.

މި ހަމަލާ ދީފައި ވަނީ، ފުލުހުންނަށް ތާޢީދުކޮށް އަޑުއުފުލުމަށް ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ހަރަކާތެއް ހިންގަމުންދިޔަ ވަގުތެއްގައެވެ. ނަމަވެސް، މިއީ ޢާންމުންނަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަން ސާފު ނޫން ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާގައި 18 މީހުންނަށް އަނިޔާވި ކަމުގައި ފުލުހުން ބުނެއެވެ. އަދި، މި ހާދިސާގައި އިތުރު މީހުން ބައިވެރިވެފައިވާ ކަން ދެނެގަނެ، އެ މީހުން ހައްޔަރުކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމުގައި ވެސް ފުލުހުން ބުނެއެވެ.

ޕާކިސްތާންގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް، ތެހްރީކް ޠާލިބާން ޕާކިސްތާނުން ވަނީ ހަމަލާގެ ޒިންމާ އުފުލާ ކަމުގައި ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފް ވަނީ، ކަންބޮޑުވުން ފާޅުކުރައްވައި، ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލުމާ ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ.

އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގެ ސަރަޙައްދުތަކުގައި ފަހަކަށް އައިސް ހައްދުފަހަނަ އެޅި ނިރުބަވެރިންގެ ހަމަލާތައް ވަނީ އިތުރު ކޮށްފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ފުލުހުންނާއި ސިފައިންނަށެވެ. މި ހަމަލާތަކުގެ ފަހަތުގައި ތިބީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާނުންނަށް ނިސްބަތްވާ ނިރުބަވެރިން ކަމަށާއި، ކާބުލްގައި ވެރިކަންކުރާ ޠާލިބާނުންގެ ސަރުކާރުން ނިރުބަވެރި ޖަމާޢަތްތަކަށް އެއްބާރުލުންދޭ ކަމުގައި އިސްލާމްއާބާދުން ތުހުމަތު ކުރެއެވެ. ނަމަވެސް، ކާބުލްގެ ސަރުކާރުން މި ތުހުމަތުތަކަށް އިންކާރު ކުރެއެވެ.